ދިވެހި އަންހެނުންގެ މަސައްކަތާއި ހުނަރު ދައްކުވައިދޭން ބާއްވާ "ހީވާގި ކަނބަލުން" މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 25 އާއި ހަމައަށް އިތުރު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ހީވާގި ކަނބަލުން މައުރަޒުގެ އިންތިޒާމް ކޮމެޓީގެ މެމްބަރު ޒީނާޒް އައިމިނަތު މާޝާ (އައިޝް) ވިދާޅުވީ ފޯމު ބަލައިގަތުމުގެ ސުންގަނޑިއަކީ މި މަހުގެ 15 ކަމަށް ކުރިން ނިންމި ނަމަވެސް މިހާރު މި މަހުގެ 25 އާއި ހަމައަށް އެ މުއްދަތު އިތުރު ކޮށްފައިވާކަމަށެވެ.
އައިޝް ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ މި މައުރަޒުގައި ބައިވެރިވުމަށް ގިނަ ބަޔަކު އެދެމުން އަންނާތީ އާއި ރަށްރަށުންވެސް ގިނަ ބަޔަކު އެދެމުންގެންދާތީ މުއްދަތު އިތުރުކޮށްދިނުމުން އެ ފަރާތްތަކުން އެދޭތީ ކަމަށެވެ.
"ފޯމު ބަލައިގަތުމާއި ފޯމު ފުރުމުގެ ކަންކަން މި މަހުގެ 25 އާއި ހަމައަށް، ޖަނަވަރީ މަގުގައި ހުންނަ މެޑަމް ފާތުންގެ އޮފީހުގައި ކުރިއަށްދާނެ، މައުރަޒުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކޮންފަމޭޝަން މެސެޖުވެސް މިއަދު ފޮނުވަން ފަށާނެ" އައިޝް ވިދާޅުވި އެވެ.
އައިޝް އިތުރަށް ވިދާޅުވީ މި މައުރަޒަކީ ރައީސްގެ އަނބިކަނބަލުން މެޑަމް ފާތުންގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދެވޭ މައުރަޒަކަށް ވާއިރު ވީހާވެސް ގިނަ ކަނބަލުން މި މައުރަޒުގައި ބައިވެރިވުމަކީ މެޑަމް ފާތުން އާއި ހީވާގި ކަނބަލުން ޓީމުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް