ރީނދޫ ހުން ފެތުރޭ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި

ރީނދޫ ހުން ފެތުރޭ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ. އެޗްޕީއޭއިން މިއަދު ނެފައިވާ ހެލްތު އެލާޓެއްގައި ބުނެފައިވަނީ މިދުވަސް...

16 Jan 2017 | 09:18

ރީނދޫ ހުން ފެތުރޭ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެފައިވާ ހެލްތު އެލާޓެއްގައި ބުނެފައިވަނީ މިދުވަސްވަރު ބްރެޒިލްގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކަމާއެކު "ޔެލޯ ފީވަރ" ބަލި ފެތުރެމުންދާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލިބިފައި ވުމާއެކު "ޔެލޯ ފީވަރ" ބަލި އުޅޭ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން "ޔެލޯ ފީވަރ" ބަލި އުޅޭ ގައުމުތަކުގެ ލިސްޓްގައި ހިމަނާފައިވާ ގައުމަކަށް ދަތުރުކުރާ މީހުން، ދަތުރުކުރެއްވުމުގެ 10 ދުވަސް ކުރިން ވެކްސިން ޖެހުމަށާއި، ކޮންމެހެން ކުރައްވަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށާއި، އެއިން ގައުމަކަށް ދަތުރުކުރެއްވުމަށްފަހު އެނބުރިވަޑައިގަންނަވާތާ ހަ ދުވަހުގެ މުއްދަތުގެ ތެރޭގައި ގަދައަށް ހުން އައުން، ލޮލުގެ ހުދުކަޅިއއި ގައިގެ ހަންގަނޑު ރީދޫވުން، ގައިގައި ރިއްސުން، ކާހިތް ނުވުން، ބޯ އެނބުރުމާއި ހޮޑުލުން އަދި ބޮލުގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެކަމުގައިވާނަމަ ވީ އެއްމެ އަވަހަށް މަދިރިހެދުމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ސިއްހީ ފަރުވާ ހޯދުމުގައި އެފަދަ ގައުމަކަށް ދަތުރުކުރި ކަމުގެ މައުލޫމާތު ހިއްސާކުރުމަށްވެސް މި އެޖެންސީން އިލްތިމާސް ކުރާ ކަމުގައި އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ "ޔެލޯ ފީވަރ" ބަލި އުޅޭ ގައުމުތަކުގެ ލިސްޓް އިންޓަނޭޝަނަލް ބޯޑަރ ހެލްތުގެ ނަމްބަރު 7954333 އަށް ގުޅުއްވުމުން ލިބިވަޑައިގަންނާވެ ކަމަށާއި އަދި ޑަބްލިއުއެޗްއޯގެ ވެބްސައިޓް http://www.who.int/ith/2016-ith-annex1.pdf  އިންވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް