މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓާއެކު މީހަކު ބ. އަތޮޅު ރިސޯޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ބ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރާ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރިސޯޓަށް އަރި ދޯނިން ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ކަމަށެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ހިފައިގެންދިޔަ ފޮށިގަނޑު ބަލައިފާސްކުރިއިރު ފޮށިގަނޑުތެރެއިން ފެނުނު ލޯޝަން ފުޅި ތެރެއިންނެވެ. އަދި މިމީހާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށްވަނީ ޕޮޒިޓިވްވެފައި ކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް