ހަރަމްފުޅު ތެރެއަށް ކެރޭނު ވެއްޓުނު މައްސަލައިގެ ހަބަރުތައް މީޑިއާގައި ޖެހުން ހުއްޓުވުމަށް ކޯޓަށް !

2015 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށްދަނިކޮށް ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ބިންލާދިން ގްރޫޕާއި ދެކޮޅަށް ކޯޓުގައި މައްސަލަ ކުރިއަށްދާއިރު މި...

16 Jan 2017 | 01:27

2015 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށްދަނިކޮށް ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ބިންލާދިން ގްރޫޕާއި ދެކޮޅަށް ކޯޓުގައި މައްސަލަ ކުރިއަށްދާއިރު މި މައްސަލައާއި ގުޅޭ ހަބަރުތައް މީޑިއާގައި ޖެހުން ހުއްޓުވައި ދިނުމަށް ބިންލާދިން ގްރޫޕްގެ ވަކީލުން ކޯޓުގައި އެދުނު ނަމަވެސް އެކަން އެ ވަކީލުންނަށް ނާކާމިޔާބު ވެއްޖެ އެވެ.

110 ހައްޖުވެރިން މަރުވެ 300 އެއްހާ ހައްޖުވެރިން ޒަހަމްވި އެ ހާދިސާގެ ތަހުގީގުގެ ހަބަރުތައް ނޫސްތަކުގައި ޖެހުން ހުއްޓުވައިދިނުމަށް ބިންލާދިން ގްރޫޕްގެ ވަކީލުންގެ ޓީމުން ސައުދީ ކްރިމިނަލް ކޯޓުގައި އެދުނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އެ ހުށަހެޅުމާއި މެދު ގޮތެއް ނިންމަމުން ކޯޓުގެ ގާޒީ އަބްދުލްއަޒީޒް ހަމޫދު އަލް ތުއަރީޤީ ބުނެފައިވަނީ މީޑިއާތަކުގައި ލިޔާ ލިޔުންތަކަށް ކޯޓުން ނުފޫޒު ފޯރުވަން ބޭނުން ނުވާ ކަމަށާއި އެކަންކަމަކީ ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

މި މައްސަލައިގެ އަޑު އެހުމެއް ނިމިދިޔަ ޑިސެމްބަރު މަސް ތެރޭގައި ކުރިއަށް ގެންގޮސްފައިވާއިރު ބިންލާދިން ގްރޫޕާއި ދެކޮޅަށް ހެކިބަސް ދިން ބައެއް އިންޖިނޭރުން ބުނެފައިވަނީ ހަރަމްފުޅުގެ ތެރެއަށް ވެއްޓުނު ކެރޭނު އޮޕަރޭޓް ކުރަމުންދިޔައީ އެ އޮޕަރޭޓް ކުރުމުގެ ލައިސަންސް ބިންލާދިން ގްރޫޕުގައި ނެތި ކަމަށެވެ.

މި މައްސަލައިގާ މިހާތަނަށް ހަތަރު އަޑުއެހުމެއް ބާއްވާފައިވާއިރު ބިންލާދިން ގްރޫޕާއި ދެކޮޅަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އޭގެ ތެރޭގައި ސަލާމަތީ ގަވާއިދުތަކަށް ބޯނުލެނބުމާއި އިހުމާލުވުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް