ލީބިޔާގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި އޮންނަތާ ހަތަރު ދުވަސް !

ލީބިޔާގެ ހުޅަނގުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައި އޮންނަތާ ހަތަރު ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަރަންޓްގެ ހިދުމަތް ނުލިބި ހަތަރު ދުވަސްވެފައިވާ ބައެއް ސަރަ...

16 Jan 2017 | 01:26

ލީބިޔާގެ ހުޅަނގުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައި އޮންނަތާ ހަތަރު ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަރަންޓްގެ ހިދުމަތް ނުލިބި ހަތަރު ދުވަސްވެފައިވާ ބައެއް ސަރަހައްދުގެ ތެރޭގައި އެ ގައުމުގެ ވެރިރަށް ޓްރިޕޮލީ އާއި އިތުރު ބައެއް ބޮޑެތި ސިޓީތައް ހިމެނެ އެވެ. 6.3 މިލިޔަން މީހުންނަށް މިވަގުތު ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާކަމުގައިވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ލީބިޔާގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ގެކޯލް އިން ބުނެފައިވާގޮތުގައި ލީބިޔާގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑެން މެދުވެރިވީ އެއް ސިޓީ އަނެއް ސިޓީއަށް، ކަރަންޓް ކެނޑުމުގައި ދޫނުދިނުމުން ކަމަށެވެ. މުޅި ގައުމަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ކެޕޭސިޓީނެތި ވަކި އުސޫލެއްގެ ދަށުން ކޮންމެ ސިޓީއަކުން ވަކި ވަގުތެއްގައި ކަރަންޓް ކަނޑަމުން ދިޔަ ޝެޑިއުލަށް ބުރޫއަރައި މުޅި ގައުމުގެ ބޮޑު ބަޔަކަށް ކަރަންޓްގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ ކަމުގައި އެ ކުންފުނިން ބުނެފައި ވެ އެވެ.

މިއީ ތާރީހުގައިވެސް ލީބިޔާގައި މިހާ ބޮޑު ސަރަހައްދަކަށް ކަރަންޓްގެ ހިދުމަތް ނުލިބިދާ ފަހަރު ކަމުގައިވާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލީބިޔާގައި ކަރަންޓްގެ މިހާ ބޮޑު މައްސަލައަކާއި ކުރިމަތިލާން ޖެހިގެން އުޅެނީ ލީބިޔާއަށް ތެޔޮ ފޯރުކޮށްދޭ ޕައިޕްލައިނަކަށް ބޮޑު މައްސަލައެއް ކުރިމަތިވުމުންނެވެ. ކަރަންޓް ކެނޑިފައިވާ ހުޅަނގުގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ލިބޭނެ ވަކި ތާރީހެއްވެސް ގެކޯލް އިން ބުނެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް