ހަބަރުގެ ސޯސް : ވިޔަފާރިއެމްވީ
ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އެއަރލައިންތަކަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ރައްކާތެރި އެއަރލައިންތަކެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވަނީ، ދުނިޔޭގެ އެންމެ ނުރައްކާތެރި އެއަރލައިންތަކުގެ ތެރޭގައި ރާއްޖޭގެ ތިން އެއަރލައިނެއް ހިމެނޭކަމަށް އޮސްޓްރޭލިއާގެ އެއަރލައިން ރޭޓިންގ ވެބްސައިޓުން ހާމަ ކުރުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި އެވެ.
އެވެބްސައިޓާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ، ރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް އެއަރލައިންތަކުގެ ތެރެއިން ތިން އެއަރލައިނަކަށް އޮސްޓްރޭލިއާގެ އެއަރލައިން ރޭޓިންގ ވެސައިޓުން ދީފައިވަނީ ހަތްތަރީގެ ތެރެއިން ތިންތަރި ކަމަށެވެ. އެއާއި އެކު އެތިން އެއަރލައިން ހިމެނިފައިވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި 41 އެއަރލައިންގެ ތެރޭގައި އެވެ.
މި އެއަރލައިންތަކަކީ، ރާއްޖޭގެ އަމިއްލަ ފަރާތަކުން އޮޕަރޭޓްކުރާ އިންޓަރނޭޝަނަލް އެއަރލައިން މެގަ މޯލްޑިވްސް އާއި، ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ޓްރާންސް މޯލްޑިވިއަން އެއަރވޭސްއެވެ.
މި ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުން އެއަރލައިންތައް ރޭޓްކުރަނީ އެއަރލައިން އޮޕަރޭޓްކުރާ އިދާރާއާއި އެ ޤައުމެއްގެ ސަރުކާރުން މައުލޫމާތު ހޯދާ އަދި ހާއްސަ އޮޑިޓެއް ކުރުމަށްފަހު އެވެ.
މިކަމާއި ގުޅިގެންސިވިލް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ވަނީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންތައްތައް ބިނާކުރަނި، ދުނިޔޭގެ މަދަނީ ވައިގެން ދަތުރުފަތުރާއި ބެހޭ މައި އިދާރާ، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)އިން ކަނޑައަޅާ މިންގަނޑުތަކަށް ކަމަށެވެ. އައިކާއޯގެ މިންގަނޑުތަކަކީ ދުނިޔޭގެ ހުރިހާ އެއަރލައިނަކުން ފެތެންޖެހޭ މިންގަނޑުތަކެއް ކަމަށް ވާއިރު، ފައިތުވި އަހަރުވެސް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގައި ހަރަކާތެރިވާ ފަރާތްތައް އެ ޖަމާއަތުން އޮޑިޓްކޮށްފައިވާ ކަމަށް. މިއޮޑިޓުންވެސް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންތައްތައް ހުރީ އައިކާއޯގެ މިންގަނޑަށް ފެތިފައި ކަމަށް ސިވިލް އޭވިއޭޝަނުން ބުނެއެވެ.
އަދި އެމިންގަނޑުތަކަށް ފެއްތުމަށް ސިވިލް އެވިއޭޝަން އޮތޯރިޓީން އެއަރލައިންތަށް ބަލައި ކަށަވަރު ކުރާ ކަމަށްވެސް އެފަރާތުން ބުނެއެވެ. އެހެންކަމުން ރާއްޖޭގެ މަދަނީ ވައިގެދަތުރުފަތުރުގެ ސަލާމަތީ ކަންތައްތައް ހުރީ ދުނިޔޭގެ މަދަނީ ވައިގެން ދަތުރުފަތުރާއި ބެހޭ މައިއިދާރާއިން ކަނޑައަޅާ މިންގަނޑުގެ ތެރޭގައި ކަމަށާއި، އަމިއްލަ ވެބްސައިޓަކުން އެއާ ޚިލާފަށް ލިޔެފައި އޮތުމަކުން ރާއްޖޭގެ އެއަރލައިންތަކުގެ ސަލާމަތީ ކަންތައްތައް ގޯސްކަމަށް ނުބެލުމަށް އެއޮޓޯރީޓީން އިލްތިމާސް ކުރާ ކަމަށް އެފަރާތުން ބުނެއެވެ.
އޮސްޓްރޭލިޔާގެ އެއަރލައިން ރޭކިންގ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އެއަރލައިންތަކުގެ ތެރެއިން ޓްރާސް މޯލްޑިވިއަން އެއަރވޭސް އަކީ ބްރިޓިޝް ސްޓޭންޓަރޑް އިންޓިޓިއުޓްގެ ހަތަރު ސެޓްފިކޭޓެއް ލިބިފައިވާ އެއަރލައިނެކެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްގެ ދުނިޔޭގެ އެންމެ މަޤްބޫލް ސީޕްލޭންއާއި އިންޑިޔާ ކަނޑުގެ ސަރަހައްދުގެ އެންމެ މަޤްބޫލް އެއަރލައިންގެ އެވޯޑް އެއެއަރލައިނަށް ލިބިފައިވެއެވެ. ޤައުމީ ކެރިއަރ މޯލްޑިވިއަން އިންޑިޔާ ސަރަހައްދުގެ އެންމެ މަޤްބޫލް އެއަރލައިނަށް ދެފަހަރު ނޮމިނޭޓްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް