ޑްރަގާއި ގޭންގް ބިލާއެކު ރަނގަޅު ހައްލެއް ލިބިގެންދާނެ: ރައީސް

މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކާއެކު އެ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މ...

15 Dec 2024 | 14:24

މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކާއެކު އެ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މުޅި ރާއްޖެއަށް ފެތުރިފައިވާ މަސްތުވާތަކެތީގެ މައްސަލައިން ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މަސްތުވާތަކެތީގެ ތެރެއަށް މީހުން ވަންނަނީ ގަސްދުގައި ނޫން ކަމަށެވެ. އަދި މަސްތުވާތަކެތިން ސަލާމަތްވުމަށް ކޮންމެ އާއިލާއަކުންވެސް ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ގައުމު ގެންދިއުމަށް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ޖެހޭ ކަމަށާއި އެކަމަށްޓަކައި މިހާރަށްވުރެ ރަނގަޅު ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށެވެ.

"މިހާރުވެސް ގާނޫނު އެބަހުރި. އެކަމަކު ހަގީގަތުގައި ހަމަ ބައިވަރު ލޫޕް ހޯލްސްތައް ބައިވަރު މައްސަލަތައް އޭގައި ހުރީމަ އެކަމުގައި ބޭނުންވާ ފެންވަރުގައި ބޭނުންވާ ބާރުމިނުގައި ބޭނުންވާ ސްޕީޑްގައި އެކަން ކުރުމަށް ދަތިތަކެއް އެބަހުރި. އެހެންވީމާ އާ ބިލެއް މި ހުށަހެޅީ މަޖިލީހަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ

މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިފައިވަނީ ނުރައްކާތެރި ކުށްތައް ނުވަތަ ގޭންގް ކުށްތައްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ގޭންގް ކުށްތަކަށް ގާނޫނެއް އޮތްނަމަވެސް އެ ގާނޫނުން މިހާރުގެ ހާލަތުގައި ގޭންގް ކުށްތައް ހައްލު ނުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށްވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު ރައީސް މުއިއްޒު ވިދާޅުވީ މަޖިލީހުގެ އަންނަ ދައުރުގައި އެ ބިލްތައް ފާސްވެ ތަންފީޒުކުރަން ފެށުމުން އެ މައްސަލަތަކަށް ރަނގަޅު ހައްލެ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް