އަހަރުގެ މިހާތަނަށް 43.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި

މިއަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް 43.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ޖުމްލަ ބަޖެޓްގެ ގޮތުގައ...

15 Dec 2024 | 14:19

މިއަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް 43.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ޖުމްލަ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވަނީ، 49.8 ބިލިއަން ރުފިޔާއެވެ.

ިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ ހަރަދުބަރަދު ހުރި ގޮތް އަންގައިދޭ ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 43.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދަ ހުރީ 42.8 ބިލިއަން ރުފިޔާގައެވެ.

މިއަހަރުގެ މިހާތަނަށް ކުރި ހަރަދުތަކަށް ބަލާއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 12.9 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، ބަޖެޓުން ކުރި ރިކަރަންޓް ހަރަދު އުޅެނީ 30.5 ބިލިއަން ރުފިޔާގައެވެ.

މިއަހަރުގެ މިހާތަނަށް ކުރި ހަރަދުތަކަށް ބަލާއިރު، މުސާރަ ދިނުމަށް 12.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީގޮތުން ކުރި ހަރަދު އުޅެނީ 18 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް ވަނީ 9.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އަހަރުގެ މިހާތަނަށް ދައުލަތުގެ ބައިތުލްމާލަށް ޓެކްސް އާއި ހިލޭ އެހީގެ ގޮތުގައި 31.8 ބިލިއަން ރުފިޔާ ވަދެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 24.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 7 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގްރާންޓްސްގެ ގޮތުގައި 591 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ޖުމްލަ 33.5 ބިލިއަން ރުފިޔާ ލިބޭނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް