ވިސާ ނެތި ތ. ވޭމަންޑޫގައި ދިރިއުޅެމުން އަންނަ ފްރާންސަށް ނިސްބަތްވާ އާއިލާ ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ، ޝަމްޢާން ވަހީދު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް 18 ޖުލައި 2024 ވަނަ ދުވަހު ލިބުމާއި ގުޅިގެން، އެ މައްސަލަ މި އިދާރާއިން ބެލުމަށްފަހު 2024 އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ހާޒިރު ކުރެވުނު ކަމަށެވެ.
"އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި ޢާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ގުޅިގެން މި އިދާރާއިން ކުރަމުންދާ ކަމުގައި ދަންނަވަން، މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފަ. އިމިގްރޭޝަން ޤާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ" ޝަމްޢާން ވިދާޅުވެފައިވެއެވެ.
މި އާއިލާ ރާއްޖޭގެ އެކި ރަށްރަށުގައި އުޅެމުން އަންނަތާ 12 އަހަރު އަދި ވޭމަންޑޫގައި އުޅެމުން އަންނަތާ ހަ އަހަރުވެފައިވާއިރު މިއަދު މިހާރު ނޫހުގައި މި އާއިލާއާއި ގުޅޭ ފީޗަރ އާޓިކަލްއެއް ޕަބްލިޝްކޮށްފައިވެއެވެ.
އެ އާޓިކަލްގައިވާގޮތުގައި މި އާއިލާ އެ ރަށުގައި އުޅުނެއްކަމަކު އެ އާއިލާގެ އެއްވެސް މީހެއްގެ އަތުގައި ވިސާ އަދި ކަމާގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނެތުމުން އެ އާއިލާގެ ކުދިން ވަނީ ތައުލީމާއި ސިއްހީ ހިދުމަތުން މަހްރޫމްވެފައެވެ. އަދި އެ އާއިލާގެ ފިރިހެން މީހާ އެ ރަށުގައި މަހަށްދާއިރު އެ ދެމަފިރިންގެ ދޮށީ ފިރިހެންދަރިވެސް މަހަށް ދާކަމަށާއި އަންހެން މީހާ ވަލަށް ގޮސް ކާށްޓާއި ދަރު ހޮވުންފަދަ ކަންކަން ކުރާއިރު އެ ފިރިހެން މީހާއަކީ ކުރިން ކޮންމެވެސް ގޭންގެއްގައި އުޅުނު މީހެއް ކަމުގައި ރަށުގެ ބައެއް މީހުންގާތުގައި ބުނެފައިވާކަމުގައިވެސް މިހާރު ނޫހުގެ އާޓިކަލްގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް