2025 ވަނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވެސް އެހެން ވަޒީފާތަކުގައި އުޅޭ ފަރާތްތަކާ އެއްގޮތަށް ރޯދަ އިނާޔަތް ލިބޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ ރަށު ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ، އދ. ދަނގެތީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އޮތީ ވަރަށް ނިކަމެތިކޮށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެން ނަމަވެސް އެއީ ރަށު ތަރައްގީގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ބައެއް ކަމަށެވެ.
މީގެ ކުރިން ވެސް ރައީސްވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ގާނޫނީ ގޮތުން ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި އެ ބޭފުޅުންނަށް މިހާރު ލިބޭ އެލަވަންސް މުސާރައަކަށް ބަދަލުކޮށްދިނުން ހިމެނެއެވެ.
ރައީސް ވިދާޅުވީ އަންނަ ފެބްރުއަރީގައި މަޖިލިސް ހުޅުވިގެންދިއުމާއެކު މި ބަދަލުތައް ގެނައުމަށް ޓަކައި ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށެވެ. އެ އިސްލާހުތަކާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލޯންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދިއުމާއި، ރޯދަ އިނާޔަތާއި، ވިހެއުމުގެ ޗުއްޓީ ވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ ދަނގެއްޗަށް ބޭނުންވާ މަޝްރޫއުތައް ވެސް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފަށްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެ ގޮތުން އެ ރަށުގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފަށައި، އެންމެ ލަސްވެގެން 2026ގައި އެ މަސައްކަތް ނިންމޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ލަސްވެގެން 2026ގައި 27 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ފަށްޓަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ކުރައްވަމުންގެންދާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން މިހާރު އެ މަނިކުފާނަށް ވަޑައިނުގެންނެވި އޮތީ ވަރަށް މަދު ރަށަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް