ހަތަރު އޮފީހެއްގެ މަސައްކަތް ދަރުބާރުގޭގައި ފަށައިފި

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ. ދަރުބާރުގޭގ...

15 Dec 2024 | 06:06

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.

ދަރުބާރުގޭގައި ޚިދުމަތް ދޭން ފެށީ، އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގި ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ.

އެ ތިން އިދާރާގެ މުވައްޒަފުން މިއަދު ވަޒީފާއަށް ދަރުބާރުގެއަށް ނުކުތްއިރު އެ އިމާރާތް ވަނީ އޮފީހެއް ގޮތަށް ބަދަލުކޮށްފައެވެ. މިދިޔަ ހަފުތާ ބަންދުގައި ދަރުބާރުގޭ އޮފީހެއްގެ ގޮތަށް ބަދަލު ކުރުމަށް ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

މި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ހިންގި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. އޭގެ ސަބަބުން މުހިންމު ލިޔެކިޔުންތައް ގެއްލި ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް އެނގިފައިނުވާއިރު، މި ހާދިސާ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމަށް ފުލުހުން ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް