ނޫސްވެރިޔާ ރިލްވާން މަރުގެ މައްސަލައިގެ ރިޕޯޓް ރައީސް ސޯލިހަށް މިއަދު އަރުވާފައިވާއިރު ކުރީ ސަރުކާރާއި ސިޔާސީ ފަރާތްތަކުން ގޭންގުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމުގައި މަރު ކޮމިޝަނުން ބުނެފިއެވެ.
ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން މިއަދު ބުނީ ރިލްވާން ގެއްލުނު ދުވަސްވަރުގެ ހާލަތު ވަރަށް ގާތުން އެ ކޮމިޝަނުން ބެލި ކަމަށާއި އެ ދުވަސްވަރަކީ އިޖްތިމާއީ ހަމަނުޖެހުމުގެ ތެރެއިން ގޭންގުތަކާއި ހަރުކަށި ފިކުރުގެ ފަރާތްތައް ކުށްކުރުން އިތުރުވެފައިވާ ދުވަސްވަރެއް ކަމަށެވެ.
އެ ކޮމިޝަނުން މިއަދު މައުލޫމާތުދެމުން ބުނީ އެދުވަސްވަރު ހަރުކަށި ފިކުރާ ދެކޮޅަށް އޮތް ހިމޭން މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށް އިންޒާރުދީ ހަމަލާދޭނެކަމަށް ހަރުކަށި ފިކުރުގެ މީހުން ބުނި ކަމަށާއި އެ އިންޒާރުދިން މީހުންގެ ތެރޭގައި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި ޖާދުﷲ އިބްރާހިމް ހިމެނޭ ކަމަށެވެ.
"ގޭންގުތަކުގެ ބާރު ފުޅާވެގެންދިޔައިރުވެސް ސިޔާސީ ޕާޓީތަކުންނާއި ގޭންގުތަކުންވެސް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ، އެކަމުގައި ހަރުކަށި ފިކުރުގެ މީހުން އަމަލީގޮތން ބައިވެރިވަމުންދިޔަ" އެ ކޮމިޝަނުން މިއަދު ފާހަގަކުރިއެވެ.
އަދި އެ ދުވަސްވަރު ހިނގި ހަމަނުޖެހުންތަކުގައި މީހުންނަށް އިންޒާރުދިނުމުގައި އިސްކޮށް އުޅުނު ދެމީހުން ކަމުގައިވާ އަހްމަދު މުއާޒް (ގަޓް މުއާ) އާއި އަހްމަދު އިސްމާއިލް ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާގުޅުން ބޮޑުކަން ފާހަގަކުރިއެވެ. އަދި މިކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު މުހައްމަދު ހާނިމްގެ ދައުރު އޮތްކަންވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ. އަދި ގަޓް މުއާ އަކީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއާއި ގާތް މީހެއްކަންވެސް ކޮމިޝަނުން މިއަދު ފާހަގަކުރިއެވެ.
އެ ފަރާތްތަކުން ދައުލަތުގެ އިސްވެރިންނާ ބައްދަލުކުރުންތަކެއް ކުރިއަށްދިއުމަށްފަހު ބިރު ދެއްކުން އިތުރުވެގެންދިޔަކަން ފާހަގަކޮށް ކޮމިޝަނުން ބުނެފައިވަނީ ވަކި ބަޔަކު އެކަހެރިކޮށްގެން ގްރޫޕް ހަދައިގެން ގޮސް ރަހީނުކޮށް ބިރުދައްކާ ޖިސްމާނީ އަނިޔާދިނުންފަދަ ކަންކަން އޭރު ހިންގަމުންދިޔަ ކަމަށެވެ. އަދި މިފަދަ ކަންކަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި ވަރަށް ގާތް ގުޅުމެއް އޮތްކަން ތަކުރާރުކޮށް ކޮމިޝަނުން ފާހަގަކުރިއެވެ.
ރިލްވާނަކީ އެމީހުންގެ ޓާގެޓެއްކަން ފާހަގަކޮށް އެ ކޮމިޝަނުން މިއަދު ބުނީ މިހާރު މި މައްސަލައިގާ ދައުވާ އުފުލާފައިވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަކީ ރިލްވާނަށް ފާރަލީ އެކަކުކަން ހެއްކާއެކު އެ ކޮމިޝަނަށް ޔަގީން ކުރެވިފައިވާކަމަށާއި ރިލްވާން ގެއްލުނު ރޭ އޭނާއަށް ފާރަލީ މުހައްމަދު ސުއައިދު އާއި ހާމިދު ރައޫފް ކަމަށެވެ. އަދި އެ ދެ ފަރާތުން ވަނީ ސީރިއާއަށް ހަނގުރާމައަށް ގޮސްފައިވާކަން ކަށަވަރުކުރެވޭކަމަށްވެސް ކޮމިޝަނުން މިއަދު ބުންޏެވެ.
ކޮމިޝަނުން މިއަދު ބުނީ ދެމީހަކު، ރިލްވާން އަރުވައިގެން ދިޔަ ރަތް ކާރަކީ އާލިފް ރައޫފްގެ ކާރެއް ކަމަށެވެ. މާލޭގައި ދުއްވާ އެ ކާރު ހުޅުމާލެއަށް ގެންދިޔައީ ރިލްވާނު ރަހީނު ކުރުމުގައި ބޭނުންކުރަން ކަމުގައިވެސް ކޮމިޝަނުން ފާހަގަކުރިއެވެ. އަދި ރަހީނުކޮށްގެން ޑިންގީއަކަށް އަރުވައިގެން ގެންގޮސް، ކަންނެލި ދޯންޏަކަށް ގެންދިއުމަށްފަހު ކަލިމަލައިދީ ކަރު ބުރިކޮށް މަރާލާފައިވާކަން އެނގިފައިވާކަމަށްވެސް އެ ކޮމިޝަނުން މިއަދު ހާމަކުރިއެވެ.
ކޮމިޝަނުން މިއަދު އެ ދޯނީގައި ތިބި ހަ ފަރާތެއްގެ ވަނަވަރު ހާމަކުރިއެވެ. އެއީ ޏ. ފުވައްމުލައް އިސްމާއިލް ސަބީހް، ސ. ހުޅުދޫ މުހައްމަދު ސުއައިދު، ސ. މީދޫ މުހައްމަދު ހާމިދު، ތ. އޮމަދޫ މުހައްމަދު މުނާޒް، ކ. މާލެ، އަޒްލިފް ރައޫފް އަދި ހއ. ދިއްދޫ އިބްރާހިމް ސަލާހް އެވެ. ނަމަވެސް ދޯނީގައި ތިބީ ކިހާއަދަދެއްގެ މީހުންކަން ކޮމިޝަނުން މިއަދު ހާމައެއް ނުކުރެއެވެ.
ކޮމިޝަނުން އިތުރަށް ފާހަގަކުރި ގޮތުގައި ރިލްވާންގެ މަރަކީ ވަރަށް ދުރާލާ ރާވައިގެން ހިންގި އަމަލެއް ކަމަށެވެ. އަދި އެކަން އޮޅުވާލަން އޭރުގެ ސަރުކާރުގެ އެކި ފަރާތްތަކުން މަސައްކަތްކުރިކަންވެސް ކޮމިޝަނުން މިއަދު ތުހުމަތު ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް