މިމިސްއަށް ނުވަދެވޭތީ ސްކޫލްތަކުގައި ރިޕޯޓު ފޯމު ނުހެދިފައި!

ދަރިވަރުންގެ ތަފްސީލީ މައުލޫމާތާއި ރިޕޯޓު ފޯމުގެ ގޮތުގައި މިހާރު ބޭނުން ކުރާ އެޑިއުކޭޝަން މިނިސްޓްރީގެ "މިމިސް" އެޕްލިކޭޝަނަށް ނުވަދެވޭ ކަމުގެ ޝަކުވާ ސްކޫލްތަކުގެ ޓީޗަރުން ކުރަމުން އެބަދެ އެވެ. 2018 ވ...

15 Dec 2022 | 11:49

ދަރިވަރުންގެ ތަފްސީލީ މައުލޫމާތާއި ރިޕޯޓު ފޯމުގެ ގޮތުގައި މިހާރު ބޭނުން ކުރާ އެޑިއުކޭޝަން މިނިސްޓްރީގެ "މިމިސް" އެޕްލިކޭޝަނަށް ނުވަދެވޭ ކަމުގެ ޝަކުވާ ސްކޫލްތަކުގެ ޓީޗަރުން ކުރަމުން އެބަދެ އެވެ.

2018 ވަނަ އަހަރުން ފެށިގެން ރިޕޯޓު ފޯމް ޑިޖިޓަލްކޮށް ދަރިވަރުންގެ ރެކޯޑުތައް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިމިސް މެދުވެރިކޮށެވެ.

މިމިސް އެޕްލިކޭޝަން މަސައްކަތް ނުކުރާ މައްސަލައިގަ ސްކޫލްތަކުގެ  ޓީޗަރުން ދަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

އެގޮތުން ބައެއް ސްކޫލްތަކުގެ ޓީޗަރުން ވަނީ އެ އެޕްލިކޭޝަން ހެކް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައި އެވެ. ބައެއް ސްކޫލްތަކުން މީޑިއާގައި ބުނެފައިވަނީ މިމިސްއަށް ނުވަދެވޭތީ ދަރިވަރުންގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޯމު ތައްޔާރު ކުރުން މަޑުޖެހިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް، ނޫސްވެރިންނަށް ވިދާޅުވީ މިމިސްއަށް ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އަދި ޓެކްނިކަލް ޓީމުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މިމިސް އެޕްލިކޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުވާން ކިހާ އިރެއް ނުވަތަ ދުވަހެއް ނަގާނެ ކަމެއް ވިދާޅެއް ނުވެ އެވެ.

މިމިސް އެޕްލިކޭޝަނަށް ނުވަދެވޭ ކަމަށް ބުނެ ޓީޗަރުން ވާހަކަ ދައްކާތާ ދެތިން ދުވަސް ވެއްޖެ އެވެ.

މިމިސްގައި މައްސަލަ ޖެހިގެން ރިޕޯޓު ފޯމު ހެދުމުގެ މަސައްކަތް ސްކޫލްތަކުގައި ނުކުރެވިފައި ތިބި އިރު އަންނަ ހަފްތާގައި ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނެ އެވެ. އަދި ބުދަ ދުވަހަކީ ސްކޫލްތަކުގައި ރިޕޯޓު ފޯމު ދޭން ހަމަޖައްސާފައިވާ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް