ހުޅުމީދޫ ސިއްހީ މަރުކަޒުގައި ޑަޔަލަސިސް ހިމެނޭހެން ހަ ހިދުމަތް ރަސްމީކޮށް ފަށައިފި

އައްޑޫ ސިޓީ ހުޅުމީދޫގައި އަލަަށް މުހިންމު ހަ ހިދުމަތެއް ރަސްމީކޮށް ފަށައިފި އެވެ. މި ހިދުމަތްތައް ރަސްމީކޮށް ވައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ނައިބު ރައީސް މި ރަސްމިއްޔާތުގައި ބައިވެރ...

15 Dec 2022 | 08:38

އައްޑޫ ސިޓީ ހުޅުމީދޫގައި އަލަަށް މުހިންމު ހަ ހިދުމަތެއް ރަސްމީކޮށް ފަށައިފި އެވެ.

މި ހިދުމަތްތައް ރަސްމީކޮށް ވައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ނައިބު ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އެ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެވެ.

ހުޅުމީދޫ ސއްޙީ މަރުކަޒުގައި އަލަށް ފަށާފައި ވަނީ ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާއާ ކަރުންމަތީގެ ބަލިތަކުގެ ފަރުވާ އެވެ. ދެން ފެށީ އެކްސްރޭގެ ހިދުމަތާއި ފިޒިއޮތެރަޕީއާ ޑަޔަލަސިސްގެ ހިދުމަތެވެ.

މި ހިދުމަތްތައް އިފްތިތާޙްކުރުމުގެ ގޮތުން ސ. އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިއްޙީ ހިދުމަތްތައް ފުޅާކުރުންކަމަށެވެ. އަދި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ހިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިދެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިއްޙީ ޚިދުމަތައް ތަރައްޤީކުރުމުގެ އިތުރު މަސައްކަތްތައް ކުރިޔަށް ރޭވި ހިނގަމުންދާނެ ކަމަށެވެ. މިގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި، އަތޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަޝްރޫޢުތައް ރޭވި ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގެމުންދާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

މި ހިދުތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެޚިދުމަތްތައް ދިނުމަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމްތައް ބައްލަވާލައްވާފައި އެވެ. އަދި ސިއްޙީ މަރުކަޒުން ޚިދުމަތް ހޯއްދެވުމަށް ވަޑައިގެންތިއްބެވި ބައެއް އާއްމުންނާއިވެސް ބައްދަލު ކުރައްވާފައެވެ.

ހުޅުމީދޫ ސިއްޙީ މަރުކަޒަކީ، 16 އެނދުގެ، 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒެކެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫގައި ހުންނަ ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުންނެވެ. އަދި ވަކި ތާވަލެއްގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަންނަނީ ފަރުވާދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް