އުރީދޫ މޯލްޑިވްސްއިން ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް އެޅުމަށްޓަކައި ހުއާވޭ މެރިން އާއިއެކު 25 މިލިއަން ޑޮލަރުގެ އަގުހުރި ޕްރޮޖެކްޓެއް ފަށައިފިއެވެ.
އުރީދޫ އިން ހާމަކުރާ ގޮތުގައި ދިވެހިރާއްޖޭގެ ބްރޯޑްބޭންޑް ޕޮލިސީގެ ދަށުން، ސާރކް ސަރަހައްދުގައި އައި.ސީ.ޓީގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލްކުރުމަށް މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
"ހުއާވޭ މެރިން 100ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް 1200 ކިލޯމީޓަރގެ ސަރަހައްދަކަށް ފެތުރިގެންދާގޮތަށް އެޅިގެންދާ ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަނެޓް ޚިދުމަތުގެ ފެންވަރަށް ފާހަގަކުރެވޭނެ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ، މީގެ އިތުރުން، މަތީ ބޭންޑްވިޑްތުތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އުރީދޫގެ ނެޓްވާކްގެ ކެޕޭސިޓީ އިތުރު ކުރެވި، އުރީދޫއަށް ދިވެހިރާއްޖޭގެ ރަށްތަކާއި ރިސޯޓްތަކަށް ބޭނުންވާ މުވާސަލާތީ ހިދުމަތްފޯރުކޮށްދިނުމަށްޓަކައި އެންމެ އެކަށޭނަ ނެޓްވާކެއް ގާއިމްކުރެވިގެންދާނެ" އުރީދޫ އިން ހާމަކުރެ އެވެ.
މި ޕްރޮޖެކްޓް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދިވެހި ސަރުކާރުގެ އަމާޒަކީ، މި ސަރަހައްދުގައި ޑިޖިޓަލް ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމަށް ދިވެހިރާއްޖެ ހެދުން ކަމަށާއި އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްއާ ގުޅިގެން ސަރުކާރުގެ މި އަމާޒަށް ވާޞިލްވުމުގައި ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލް ފައިދާތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި އުރީދޫގެ ފަރާތުން ލިބޭ އެއްބާރުލުމާއި ތަރުޙީބަށް ޝުކުރުވެރިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ވަކި ވަކި ފަރުދުންނާއި، ޢާއިލާތަކާއި ވިޔަފާރިތަކަށް އިންޓަނެޓް މެދުވެރިކޮށް އަގުނުކުރެވޭ ފަދަ ގިނަގުނަ ފައިދާތަކެއް ލިބެމުންދާ މި ދަނޑިވަޅުގައި، އިންޓަނެޓް ބޭނުންކުރުމަކީ ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ ޙައްޤެއްކަމަށް އުރީދޫ އިން ގަބޫލު ކުރާ ކަމަށާއި މި ވިސްނުމާއެކީ، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައިވާ މުޖުތަމައުތައް ގުޅުވާދީ، ޑިޖިޓަލް ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ހަލުވި އަދި އިތުބާރުކުރެވޭ ބްރޯޑްބޭންޑް އިންޓަރނެޓް ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ފިޔަވަޅުނަގަން އުރީދޫ އިން ފަޙުރުވެރިވާ ކަމަށެވެ.
އުރީދޫ އިން ހާމަކުރާ ގޮތުގައި ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓުގެ ސަބަބުން އުރީދޫއިން ދިވެހިރާއްޖޭގެ މުވާސަލާތީ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ދިވެހިރާއްޖެ ޑިޖިޓަލް ކުރިމަގަކަށް ހުޅުވާދިނުމުގައި އަދާކުރަމުންގެންދާ ދައުރަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އަދި އުރީދޫއިން ވަނީ ދިވެހިރާއްޖެއަށް 2ޖީ އެޖް، 3ޖީ އަދި 4ޖީ އެލްޓީއީ ނެޓްވާކް ތައާރަފްކޮށްދީ، ބައިނަލްއަގްވާމީ މުވާސަލާތީ ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިވެހިރާއްޖެއަށް ތައާރަފްކޮށްދިނުމުގެ އެންމެ ކުރީސަފުގައި ފައިތިލަ ސާބިތުކޮށްފައި ކަމަށާއި ފިކްސްޑް ލައިން އާއި މޯބައިލް މަނީ ފަދަ އާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ ކުރިމަތިލާއިރު، ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ ސަބަބުން މޯބައިލް ބްރޯޑްބޭންޑާއި ފައިބަރ އިންޓަރނެޓްގެ ޚިދުމަތްތައް ގޭގެއަށާއި ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ފޯރުކޮށްދެވޭނެ ކަމަށްވެސް އުރީދޫ އިން ހާމަކުރެ އެވެ.
މިކަމަށްޓަކައި، ހުއާވޭ މެރިންއިން ފޯރުކޮށްދޭ އެންމެ ފަހުގެ ކުރިއަރައިފައިވާ އޮޕްޓިކަލް ޓެކްނޮލޮޖީ މެދުވެރިކޮށް ނެޓްވާކް ކެޕޭސިޓީ އާއި ފްލެކްސިބިލިޓީ އިތުރުކުރެވިގެންދާނެއެވެ. "އުރީދޫއާ ގުޅިގެން އެންމެ ފަހުގެ މުވާސަލާތީ އިންފްރާސްޓަރކްޗަރ ދިވެހިރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދީ، ރަށްތަކުގައި ކަނެކްޓިވިޓީ ރަނގަޅުކޮށް އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް. ހުއާވޭ މެރިންގެ އެންމެ ކުރިއަރާފައިވާ ފަހުގެ އުފެއްދުންތަކަކީ ބައިނަލްއަޤްވާމީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން އެކި ސަރަހައްދުތަކުގައި ޚިދުމަތް ފޯރުކޮށްދޭ މުޙިއްމު ނެޓްވާކްތަކުގައި ބޭނުންކުރުމަށް އެންމެ އިސްކަންދޭ އުފެއްދުންތަކެއް." ހުއާވޭ މެރިންގެ ވައިސް ޕްރެޒިޑެންޓް މާ ޔަންގފެންގ ވިދާޅުވިއެވެ.
އުރީދޫ އިން ބުނެފައިވަނީ ގައުމީ ސަބްމެރިން ކޭބަލް އަޅާ ނިންމާލެވޭނީ 2016 ގެ ނިޔަލަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް