ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސް ހުޅުއްވައިދެއްވީ ހުކުރު ދުވަހުގެ ރޭ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއް ގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓާޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފަ އެވެ.
މީގެއިތުރުން އެ މަނިކުފާނު މިރޭ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އީއާރް، ކުޑަކުދިންނަށް ޚާއްސަ އީއާރްއެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާފަ އެވެ. އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯ ވެސް އިފްތިތާޙްކޮށްދެއްވި އެވެ.
މި ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު އެ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްސަ އީއާރު، ހައިބްރިޑް ކެތުލެބް އަދި ނޭޝަނަލް ފާޓިލިޓީ ސެންޓަރު ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް