ފަހި ފުރުސަތުތަކެއް ތަނަވަސްކޮށް ދީގެން އުޖާލާ މުސްތަގުބަލަކަށް ޒުވާނުން ބާރުވެރިކުރެވިދާނެ: ޝިފާން

ރާއްޖޭގައި އެކި ކުށްތަކަށް ހުށަހެޅިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ ދެ އިންސައްތަ ކަމަށާއި ކުރިއަށް ދާން ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީގެން މި އަދަދު މި މިއަށްވުރެ ވެސް މަދުކުރެވިދާނެ ...

15 Nov 2024 | 15:12

ރާއްޖޭގައި އެކި ކުށްތަކަށް ހުށަހެޅިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ ދެ އިންސައްތަ ކަމަށާއި ކުރިއަށް ދާން ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީގެން މި އަދަދު މި މިއަށްވުރެ ވެސް މަދުކުރެވިދާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

މިއަދު "އެކްސް" ގައި ކުރެއްވި މެސެޖެއްގައި ޝިފާން ވިދާޅުވީ ދިވެހި ގިނަ ޒުވާނުންނަކީ، ގާނޫނަށް ތަބާވާ އުފެއްދުންތެރި ބައެއް ނަމަވެސް ގާނޫނަށް ތަބާނުވެ، ކުށްތަކަށް ހުށަހެޅިފައި ވަނީ އުމުރުން 15 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން މަދު އިންސައްތައެއް ކަމަށެވެ.

އަދި ކުރިއަށް ދާނެެ ރަނގަޅު ފަހި ފުރުސަތުތަކެއް އެ ޒުވާނުންނަށް ހޯދައިދީގެން އަދިވެސް ހަމަ މަގަށް އެޅުވިދާނެކަން ޝިފާން ފާހަގަކުރެއްވި އެވެ.

"ޒުވާނުންނަށް ކުރިއަށް ދިއުމަށް ފަހި ފުރުސަތުތަކެއް ހޯދައިދީގެން، އެ ޒުވާނުންނަކީ ދިވެހި މުޖުތަމައުގައި ބޭނުން ހިފޭ ގާބިލު ބަޔަކަށް ހެދިދާނެ. އަދި މިކަމުން އުޖާލާ އަދި ރައްކާތެރި މުސްތަގުބަލަކަށް ޒުވާނުން ބާރުވެރިކުރެވިދާނެ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ގޭންގުތައް ހަރަކާތްތެރިވާ އެކިއެކި ސަރަހައްދުތަކުން 20،597 ފަހަރު މީހުން ހުއްޓުވާ ސުވާލުކޮށްފައިވެ އެވެ.

އޭގެތެރޭގައި 18 އަހަރު ފުރިފައިވާ 5،449 މީހުން އަދި 307 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަށާރަ އަހަރުން ދަށުގެ ކުދިންނާ 2،315 ފަހަރު ސުވާލު ކުރެވިފައިވާ ކަމަށެވެ.

އަދި މީގެއިތުރުން 2،658 އުޅަނދެއް ތަކުރާރުކޮށް 3،043 ފަހަރު ހުއްޓުވާ ސުވާލު ކޮށްފައިވާކަން ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް