މެސީގެ ދަށް ކުޅުމާއި އެކު ޕެރަގުއޭ އަތުން އާޖެންޓީނާ ބަލިވެއްޖެ

ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ދެކޮޅަށް ޕެރަގުއޭ މިއަދު ކުޅުނު މެޗު ފަހަތުން އަރައި ޕެރަގުއޭ އިން ކާމިޔާބުކޮށްފި އެވެ. ޕެރަގުއޭއިން އާޖެންޓީނާ ބ...

15 Nov 2024 | 04:40

ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ދެކޮޅަށް ޕެރަގުއޭ މިއަދު ކުޅުނު މެޗު ފަހަތުން އަރައި ޕެރަގުއޭ އިން ކާމިޔާބުކޮށްފި އެވެ.

ޕެރަގުއޭއިން އާޖެންޓީނާ ބަލިކުރީ 1-2 ގެ ނަތީޖާއިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 11 ވަނަ މިނިޓުގައި އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ އަށް މިނިޓު ފަހުން ޕެރަގުއޭގެ އެންޓޯނިއޯ ސަނަބްރިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް މާ ރަގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފަ އެވެ. އަދި ޖުމްލަ ކޮށް މުޅި އާޖެންޓީނާގެ ފަރާތުންވެސް ފެނިފައިވަނީ ދަށް ކުޅެމެކެވެ.

މި މެޗުން މޮޅުވުމާއެކު މިއީ ޕެރަގުއޭގެ ތާރީޚުގައިވެސް ދުނިޔޭގެ ޗެމްޕިއަން އަތުން ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި އެ ގައުމު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2008 ވަނަ އަހަރަށްފަހު ވޯލްޑްކަޕް ކޮލިފައިންގެ ތިން މެޗުން އަމިއްލަ ގައުމުގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރުވެސްމެ އެވެ.

ޕެރަގުއޭގައި ކުޅުނު މި މެޗުން އާޖެންޓީނާ ބަލިވި ނަމަވެސް ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ އެއްވަނަ ޓީމުގެ ގޮތުގައި އަދިވެސް އޮތީ އާޖެންޓީނާ އެވެ.

މިހާތަނަށް އާޖެންޓީނާ ކުޅުނު 11 މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ކޮލަމްބިއާއަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. އެހެންކަމުން ކޮލަމްބިއާ އާއި އުރުގުއޭ ހޮނިހިރު ދުވަހު ކުޅޭ މެޗުން ފަސް ގޯލުގެ ތަފާތަކުން ކޮލަމްބިއާ މޮޅުވެގެން ނޫން ގޮތަކަށް އާޖެންޓީނާއަށް ތާވަލުގެ އެއްވަނަ މަގާމު ނުގެއްލޭނެ އެވެ. ކޮލިފައިންގެ ތިންވަނަ މަގާމުގައި އޮތް ބްރެޒިލް އަށް 11 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ދެން އާޖެންޓީނާ ނިކުންނާނީ އަމިއްލަ ގައުމުގައި ޕެރޫ އާއި ދެކޮޅަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ރަށުން ބޭރުގައި ވެނެޒުއޭލާ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް