ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާއިން ބާއްވާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓްރޮފީ ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
ލަގްޒަރީ ޖުވެލަރީ ހެދުމަށް މަޝްހޫރު ޓިފަނީ އެންޑް ކޯ އިން ތައްޔާރުކުރި މި ޓްރޮފީ ދައްކާލުން އޮތީ ސްވިޒަލޭންޑްގެ ޒިއުރިކްގައިއެވެ.
މި ޓްރޮފީ ފަރުމާކޮށްފައިވަނީ ފުޓްބޯޅައިގެ މުއްސަދި ތާރީޚުތައް ރަމްޒުވާ ގޮތަށް ރަނުން ހަދާފައިވާ ބޮޅުތަކެއް ވަށައިގެން އެނބުރޭ ގޮތަށެވެ.
މި ޓްރޮފީގައި ފީފާގެ މެމްބަރު 211 އެސޯސިއޭޝަނުގެ ނަން ވަނީ ހިމަނާފައިވާއިރު، ޖުމްލަ 13 ބަހަކުން މި ޓްރޮފީގައި ވަނީ ލިޔެފަ އެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ޖުމުލަ 32 ޓީމު ވާދަކުރާ ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވާނީ އަންނަ އަހަރު އެމެރިކާގައެވެ.
އެމެރިކާގެ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްގައި މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. އަދި މި މުބާރާތް ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފައިވަނީ މިއީ އޭގެ ޒާތުގައި ވަރަށްވެސް ބޮޑު އަދި ތާރީޚީ މުބާރާތެއް ކަމަށާއި މި މުބާރާތުގެ ގުރުއަތުލުން އަންނަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު އެމެރިކާގެ މަޔާމީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ފީފާ އިން އަލަށް ބާއްވާ މި މުބާރާތުގެ ޓްރޮފީ ދައްކާލުމަށް އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި އަށްޑިހަ ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިންފަންޓީނޯ ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް