ޔޫއެފާ ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިޓަލީން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ މޮޅުވީ0-1 ގެ ނަތީޖާއިންނެވެ.
ޖުމްލަ ހަތަރު ޓީމު ހިމެނޭ ލީގު އޭގެ ގްރޫޕް ދޭއްގައި ބާކީ އެއް މެޗު އަދި ކުޅެން އޮއްވާ އިޓަލީން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފައި އެވެ.
ރޭގެ މެޗުން މޮޅުވެ، އިޓަލީީ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް ފްރާންސަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. އަދި ބެލްޖިއަމް އަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ.
ބެލްޖިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިޓަލީ އަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 11 ވަނަ މިނިޓުގައި ސެންދްރޯ ޓޮނާލީ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ލިއޮނާޑޯ ޑިލޮރެންޒޯ ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ޓޮނާލީ ފޮނުވާލާފައިވަނީ ގޯލު އޭރިޔާ ތެރޭގައި ހުރެފަ އެވެ.
މި މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ބެލްޖިއަމްއަށް ރަގަޅު ފުރުސަތެއް ލިބިފައިވީ ނަމަވެސް ލިއަންދްރޯ ޓްރޮސާޑު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ އިޓަލީގެ ގޯލުގެ ދަނޑި އަށެވެ.
މި މުބާރާތުގެ ގްރޫޕްގެ ފަހު މެޗުގައި އިޓަލީ ދެން ނިކުންނާނީ އަމިއްލަ ގައުމުގައި ފްރާންސާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް