ބަންގާޅު ކަނޑުން އަންޒަމާން ކައިރީގައި ލޯ ޕްރެޝަރެއް – މިއަދު ކޮޅިގަނޑަކަށް

ބަންގާޅު ކަނޑުން އަންޒަމާން އަދި ނައްކަވާރު ކައިރީގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަމަށް ސަރަހައްދީ މޫސުމީ ބެހޭ އިދާރާއިން ބުނެފިއެވެ. އިންޑިއާގައި ގާއިމްކޮށްފައި ހުންނަ އެ އިދާރާއިން ބުނެފައިވާގޮތުގައ...

15 Nov 2023 | 00:06

ބަންގާޅު ކަނޑުން އަންޒަމާން އަދި ނައްކަވާރު ކައިރީގައި ލޯ ޕްރެޝަރެއް އުފެދިފައިވާކަމަށް ސަރަހައްދީ މޫސުމީ ބެހޭ އިދާރާއިން ބުނެފިއެވެ.

އިންޑިއާގައި ގާއިމްކޮށްފައި ހުންނަ އެ އިދާރާއިން ބުނެފައިވާގޮތުގައި ބަންގާޅު ކަނޑުގައި އަންޒަމާނާއި ނައްކަވާރު ގުޅޭ ސަރަހައްދުގައި މި ލޯ ޕްރެޝަރު އުފެދިފައިވަނީ އިއްޔެގެ ފަތިހު 05:00 ހާއިރުގައެވެ. އަދި މި ލޯ ޕްރެޝަރު އިއްޔެ ހެނދުނު 08:00 ހާއިރު ހަމަ އެ ސަރަހައްދުގައި ހުރި އިރު މިއަދު ފަތިހު 05:00 ހާއިރު މި ލޯ ޕްރެޝަރު ކޮޅިގަނޑަކަށް ބަދަލުވާނެކަމުގައި އަންދާޒާކޮށްފައިވެއެވެ.

މި ލޯ ޕްރެޝަރު މިއަދު ކޮޅިގަނޑަކަށް ބަދަލުވާނެކަމަށް އަންދާޒާކޮށްފައިވާއިރު މާދަމާ (ބުރާސްފަތި ދުވަހު) ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އެހެން ނަމަވެސް ޖެހިގެން އަންނަ ދުވަހު (ހުކުރު ދުވަހު) މި ކޮޅިގަނޑުގެ ބާރު ދަށްވާން ފަށާނެކަމަށްވެސް ނިމުތުކޮށްފައިވެއެވެ.

މި ކޮޅިގަނޑުގެ ސީދާ އަސަރު ރާއްޖެއަށް ކޮށްފާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫނެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިކަމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މެޓުން އެންމެ ފަހުން ހާމަކޮށްފައިވާ ސެޓަލައިޓް ފޮޓޯއަށް ބަލާއިރު ރާއްޖެ ސަރަހައްދުގައި، ހާއްސަގޮތެއްގައި އުތުރުގައި ވިއްސާރަ ވިލާތައް ގިނައެވެ.

ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް ފައްކާވަމުން އަންނައިރު އަންނަ ހުކުރު ދުވަހު ދިވެހި ރާއްޖޭގެ އައު ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.

ހުކުރު ދުވަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް