އަގެއް ނުނަގައި ބޮޑު ސްކްރީންގައި ވޯލްޑްކަޕް މެޗުތައް ދެއްކޭނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.
ގަތަރުގައި ބާއްވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. މި މުބާރާތަކީ ދިވެހިންގެ މެދުގައި މަގުބޫލު މުބާރާތެކެވެ.
މިއަހަރު ރާއްޖެއަށް މުބާރާތް ދެއްކެމުގެ ލައިސަންސް އޮތީ މީޑިއާނެޓަށެވެ. އެ ކުންފުންޏާއި ގުޅިގެން ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދީފައިވަނީ ރާއްޖެ ޓީވީ އާއި ޕީއެސްއެމްގެ ޔެސް ޓީވީ އަދި މީޑިއާ ނެޓުގެ ޗެނަލެއް ކަމަށްވާ އައިސްޓީވީއަށެވެ.
މީޑިއާ ނެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާ ގަވާއިދުގެ ދަށުން އާއްމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވިޔަފާރި އުސޫލުން ނޫން ގޮތަކަށް ވޯލްޑް ކަޕް ދެއްކުމަކީ މަނާ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ވޯލްޑް ކަޕް ދައްކައިގެން މީޑިއާނެޓުން ގާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
އެކަމަކު ވިޔަފާރި އުސޫލުން، މާލީ މަންފާއެއް ހާސިލްކުރުމަށް ވޯލްްޑް ކަޕް ދެއްކުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
އިއްޔެ މީޑިއާެޓުން ވަނީ ވޯލްޑްކަޕް ބޮޑު ސްކްރީންގައި ހުއްދަ ނެތި ދެއްކުން މަނާކަމަށް ބުނެފައި އެވެ. އެ މައްސަލައިގަ އާންމުންގެ ނުރުހުން ވަރަށް ބޮޑަށް އެ ކުންފުންޏަސް އަމާޒުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް