ފީފާ ވޯލްޑްކަޕް 2022: ވިދާލާނެކަމަށް ބެލެވޭ ޒުވާން ކުޅުންތެރިން

ހަތަރު އަހަރުން އެއް އަހަރު އޮންނަ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފެށެން ބާކީ ހަފުތާއެކެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިން އެންމެ މަތީ ފަންތީގައި ހުނަރު ދައްކާލަން ލިބޭ މި ފުރުސަތު...

15 Nov 2022 | 06:48

ހަތަރު އަހަރުން އެއް އަހަރު އޮންނަ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ފެށެން ބާކީ ހަފުތާއެކެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިން އެންމެ މަތީ ފަންތީގައި ހުނަރު ދައްކާލަން ލިބޭ މި ފުރުސަތުގައި، ގިނަ ބައެއްގެ ސަމާލުކަން އެނބުރޭ އެހެން ދިމާލެއް ވެސް އެބަ އޮތެވެ. މި ބޮޑު މުބާރާތުގައި ވިދާލާނެކަމަށް ބެލެވޭ ޒުވާން ކުޅުންތެރިންނަށެވެ. އެއީ ފުޓްބޯޅައިގެ މުސްތަގުބަލުކަމުގައި ވާނެތީއެވެ. އެހެންކަމުން، މި ރިޕޯޓުގައި މި ބަލާލަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވިދާލާނެކަމަށް ބެލެވޭ ޒުވާން ކުޅުންތެރިންނަށެވެ.

  1. ޖަމާލް މުސިއަލާ (ޖަރުމަނު)

އުމުރުން އެންމެ 19 އަހަރުގެ ޖަމާލް މުސިއަލާއަކީ މި ވަގުތު ޖަރުމަނު ޓީމުގައި ހުރި އެންމެ ވިދުންގަދަ ޒުވާން ތަރިއެވެ. މުސިއަލާ ބުންޑަސްލީގާގެ މި ސީޒަންގައި ބަޔާން މިޔުނިކަށް ކުޅުނު 14 މެޗުން 9 ލަނޑު ޖަހާ 7 އެސިސްޓް ހަދާފައިވެއެވެ. އެޓޭކިންގ މިޑްފީލްޑަރަކަށް ކުޅޭ މުސިއަލާ އަކީ ބޯޅަ ކޮންޓްރޯލް ކުރުމާ، މޮޅު ޕާސްތައް ދިނުމުގައި ފާހަގަ ކޮށްލެވޭ، ދުވެލި ބާރު ކުޅުންތެރިއެވެ. ޖަރުމަނުގެ ވޯލްޑް ކަޕް ސްކޮޑްގައި މުޅިން އަލަށް ހިމެނުނު މުސިއަލާއަށް އަދި ހުރިހާ މެޗެއްގައި ފުރަތަމަ 11 އިން ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން ނެތަސް، އޭނާއަށް ފުރުސަތު ލިބޭނަމަ، ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކާނެ ޒުވާން ކުޅުންތެރިޔާއަށްވުން ވަރަށް ގާތެވެ.

  1. ޕެޑްރީ (ސްޕެއިން)

އުމުރުން އެންމެ 17 އަހަރުގައި ބާސެލޯނާގެ ސީނިއާ ޓީމުން ވިދާލި ޕެޑްރީގެ އުމުރުން މިހާރު 19 އަހަރެވެ. މި ފަހަރުގެ މުބާރާތަކީ ޕެޑްރީ ގައުމީ ޓީމަށް ކުޅޭނެ ފުރަތަމަ ވޯލްޑް ކަޕެވެ. ގައުމީ ޓީމާއި ބާސެލޯނާގައި ވެސް މުހިންމު ދައުރެއް އަދާކުރާ ސެންޓްރަލް މިޑްފީލްޑަރ އުމުރުން ޒުވާން ނަމަވެސް، ފާއިތުވި ސީޒަންގައި ގައުމީ ޓީމާއި ކްލަބަށް ޖުމްލަ 73 މެޗު ކުޅެފައިވެއެވެ. ޔޫރޯ 2020 އާއި އޮލިމްޕިކްސްގައި ވެސް ސްޕެއިންގެ ޓީމުގައި ވިދާލިއެވެ. މި ސީޒަންގެ ލީގުގައި ބާސެލޯނާއަށް ކުޅުނު 14 މެޗުން 3 ލަނޑު ވެސް ޖަހާފައިވާ ޕެޑްރީއަކީ މެދުތެރޭގައި ކްރިއޭޓިވް ކުޅުމެއް ކުޅޭ، އެޓޭކްތައް އުފެއްދުމުގައި މޮޅު ކުޅުންތެރިއެކެވެ. ވޯލްޑް ކަޕްގައި ސަމާލުކަން ދޭންވީ ޒުވާން ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި ޕެޑްރީގެ ނަން ލިޔަން ޖެހެނީ މިހެންވެއެވެ.

  1. ގަވީ (ސްޕެއިން)

ޕެޑްރީއާއެކު ސްޕެއިންގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އަނެއް ޒުވާން ކުޅުންތެރިއަކީ ގަވީއެވެ. މިއަހަރުގެ އޮގަސްޓް މަހުގައި އުމުރުން 18 އަހަރު ފުރުނު ގަވީ ވަނީ ބެލޮންޑޯ އެވޯޑް ރަސްމިއްޔާތުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްދޭ ކޮޕާ ޓްރޮފީގެ އިތުރުން ގޯލްޑަން ބޯއީ އެވޯޑް ވެސް ހޯދާފައެވެ. ގަވީ އާއި ޕެޑްރީ ސްޕެއިންގެ މެދުތެރޭގައި އަދާކުރާ ދައުރު ބައެއް ފަރާތްތަކުން ސިފަކުރަނީ ސްޕެއިންގެ ރަން ޖީލުގައި ޒަވީ އާއި އިނިއެސްޓާގެ ޕާޓްނަރޝިޕް އަދާކުރިފަދަ ދައުރެއްގެ ގޮތުގައެވެ. ގަވީ ބޮޑަށް ފާހަގަކުރެވެނީ މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު، އެގްރެސިވް ކުޅުންތެރިއެއްގެ ގޮތުގައެވެ. ގަވީ އަކީ ވެސް ސްޕެއިންގެ ފުރަތަމަ 11 އިން ޖާގަ ކަށަވަރު، ވޯލްޑް ކަޕްގައި ވިދާލާނެކަމަށް ބެލެވޭ ޒުވާން ކުޅުންތެރިއެކެވެ.

  1. ޖޫޑް ބެލިންގހަމް (އިންގްލެންޑް)

އުމުރުން އެންމެ 19 އަހަރުގެ ޖޫޑް ބެލިންގހަމް އަކީ ކުރިޔަށް އޮތް ޓްރާންފަރ މާކެޓްގައި އެންމެ ގިނަ ކްލަބްތަކުން ހޯދަން މަސައްކަތްކުރާނެ އެއް ކުޅުންތެރިޔާއެވެ. އޭނާ ބުރޫޝިއާ ޑޯޓްމުންޑްގެ މެދުތެރޭގައި ދައްކާ ހުނަރުވެރި މޮޅު ކުޅުމުން، ކޮންމެ އަގެއް ދީފައި ވެސް ގަންނަފަދަ ކުޅުންތެރިއެއްކަން ދަނީ ސާބިތުކޮށްދެމުންނެވެ. ބުންޑަސްލީގާގައި 15 މެޗުން 3 ލަނޑު 2 އެސިސްޓް އަދި ޗެމްޕިއަންސް ލީގުގައި 5 މެޗުން 4 ލަނޑު ޖަހާ 1 އެސިސްޓް ހަދާފައިވާ ބެލިންގްހަމްއަށް މިއީ ފުރަތަމަ ވޯލްޑް ކަޕެވެ. ފުރަތަމަ ފަހަރަށް އިންގްލެންޑްގެ ސީނިއާ ޓީމުން ބެލިންގހަމްއަށް ފުރުސަތު ލިބުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭނާ ގައުމީ ޓީމަށް މިހާތަނަށް 17 މެޗު ކުޅެފައިވާއިރު، ވޯލްޑް ކަޕްގައި އިންގްލެންޑްގެ ފުރަތަމަ 11 އިން ޖާގަ ލިބުން ވަރަށް ގާތެވެ.

  1. އަލްފަންސޯ ޑެވީސް (ކެނެޑާ)

އުމުރުން 22 އަހަރުގެ ޑެވީސް އެންމެ ވިދާލީ 2019-20 ސީޒަންގައެވެ. ޑިފެންސްގައި ދައްކާ ވަރުގަދަ ކުޅުމުގެ އިތުރުން ހަލުވި ދުވެއްޔާއެކު، އެޓޭކްތައް އުފެއްދުމުގައި ބައިވެރިވާ ބައިވެރިވުން އެއީ އޭނާގެ އެންމެ ހާއްސަ ސިފައެވެ. އުމުރުން އެންމެ 14 އަހަރުގެ އެމެރިކާ ލީގުގައި ވިދާލުމަށްފަހު، 2015 ވަނަ އަހަރު ބަޔާން މިޔުނިކަށް ބަދަލުވިއެވެ. އޭރުން ފެށިގެން ޑެވީސްއަކީ ބަޔާންގެ އެއް ނަންބަރު ލެފްޓް-ބެކެވެ. ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ ޝަރަފު ލިބުނު އެންމެ ފުރަތަމަ ކެނެޑާ ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ. 2017 ވަނަ އަހަރުން ފެށިގެން ކެނެޑާގެ ގައުމީ ޓީމުން ޖާގަ ލިބޭ ޑެވީސް މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 34 މެޗުން 12 ލަނޑު ޖަހާފައިވެއެވެ. އެހެންކަމުން، ވޯލްޑް ކަޕްގައި މިފަހަރު ފެންނަ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ވިދާލާނެ އެއް ޑިފެންޑަރަކީ އަލްފަންސޯ ޑެވީސް ކަމުގައިވުން ވަރަށް ގާތެވެ.

  1. ޗުއަމެނީ (ފްރާންސް)

މިދިޔަ ސީޒަނަށްފަހު، ކަސެމީރޯ ރެއާލް މެޑްރިޑް ދޫކޮށްލުމުން، ރެއާލްގެ ކާމިޔާބު މިޑްފީލްޑް ޓްރިއޯކަމަށްވާ ކްރޫޒް-ކަސެމީރޯ-މޮޑްރިޗް ގެ ޕާޓްނަރޝިޕް ނިމުމަކަށް އަހިސް، އެ ހުސްކަން ފޫބެއްދޭނެ ކަމާމެދު ސުވާލު އުފެދުނެވެ. އެހެނަސް، ކްލަބާ ގުޅުނު ފުރަތަމަ ސީޒަންގައިމެ ފުރަތަމަ 11 ގައި ފައިތިލަ ސާބިތުކޮށް، ޗުއަމެނީ އަންނަނީ އޭނާއަށް ވާނެކަން ދައްކުވައިދެމުންނެވެ. ޑިފެންސާއި އެޓޭކް ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޗުއަމެނީއަކީ އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވުމުގައި އަދި އެޓޭކްތައް އުފެއްދުމުގައި ވެސް ހުނަރުވެރި މިޑްފީލްޑަރެކެވެ. އަނިޔާގެ ސަބަބުން ޕޮގްބާ އާއި ކާންޓޭ ނުލާ ފްރާންސުން ވޯލްޑް ކަޕްގެ ސްކޮޑް ނަގަން ޖެހުނުއިރު، ފްރާންސްގެ މެދުތެރޭގައި އެންމެ އިސް ދައުރެއް އަދާކުރާނީ އުމުރުން 22 އަހަރުގެ ޗުއަމެނީއެވެ.

  1. ވިލިއަމް ސަލީބާ (ފްރާންސް)

ސަލީބާ 2019 ވަނަ އަހަރު އާސެނަލްއާ ގުޅުމަށްފަހު އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއެއްގެ ގޮތުން އާސެނަލްއިން ސަލީބާ ނައިސްއަށް ލޯނަށް ދޫކުރިއެވެ. އޭގެ ފަހުން އަނެއްކާ އެނބުރި އައުމަށްފަހު، ދެން ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނީ މާސެއިލް އަށެވެ. މާސެއިލްގައި ވިދާލުމަށްފަހު، މި ސީޒަންގައި އަނެއްކާ ވެސް އާސެނަލްއަށް އެނބުރި އައިއިރު، މިހާރު ސަލީބާއަކީ އާސެނަލްގެ ޑިފެންސްގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އުމުރުން 21 އަހަރު ސެންޓަރ-ބެކް މި ސީޒަންގައި އާސެނަލްއަށް ކުޅުނު 16 މެޗުން 2 ލަނޑު ޖަހާ 1 އެސިސްޓް ވެސް ހަދާފައިވެއެވެ. ވޯލްޑް ކަޕްގައި ފްރާންސްގެ ޑިފެންސް ބެލެހެއްޓުމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް