ވޯލްޑްކަޕް މެޗުތައް ބޮޑު ސްކްރީންތަކުގައި ނުދެއްކޭނެ ކަމަށްބުނެ މީޑިއާނެޓުގެ އިންޒާރެއް!

ވޯލްޑްކަޕް މެޗުތައް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ނުދެއްކޭނެ ކަމަށް ބުނެ މީޑިއާ ނެޓުން އިންޒާރުގެ ބަޔާނެއް ނެރެފި އެވެ. ގަތަރުގައި ބާއްވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖ...

15 Nov 2022 | 04:20

ވޯލްޑްކަޕް މެޗުތައް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ނުދެއްކޭނެ ކަމަށް ބުނެ މީޑިއާ ނެޓުން އިންޒާރުގެ ބަޔާނެއް ނެރެފި އެވެ.

ގަތަރުގައި ބާއްވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. މި މުބާރާތަކީ ދިވެހިންގެ މެދުގައި މަގުބޫލު މުބާރާތެކެވެ.

މިއަހަރު ރާއްޖެއަށް މުބާރާތް ދެއްކެމުގެ ލައިސަންސް އޮތީ މީޑިއާނެޓަށެވެ. އެ ކުންފުންޏާއި ގުޅިގެން ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދީފައިވަނީ ރާއްޖެ ޓީވީ އާއި ޕީއެސްއެމްގެ ޔެސް ޓީވީ އަދި މީޑިއާ ނެޓުގެ ޗެނަލެއް ކަމަށްވާ އައިސްޓީވީއަށެވެ.

މީޑިއާ ނެޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ގޭބިސީތަކަށް މީޑިއާނެޓް މެދުވެރިކޮށް އެ ޗެނަލްތަކުން ވޯލްޑްކަޕް މެޗު ބެލުމުގެ ހުއްދަ އޮތްނަމަވެސް، އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ބެލުމަކީ މަނާކަމެއްކަމަށެވެ. އަދި ސޯޝަލް މީޑިއާއާއި އިންޓަނެޓްގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވޯލްޑްކަޕްގެ މެޗްތައް ލައިވް ކުރުންވެސް މަނާ ކަމަށެވެ.

ބޮޑު ސްކްރީނުގައި މެޗުތައް ދެއްކޭނީ އެ ކުންފުނިން ހުއްދައެއް ނަގައިގެން ކަމަށް ބުނެފައިވެ އެވެ.

މީޑިއާނެޓުން ބުނީ ކެފޭތަކާއި، ރެސްޓޯރެންޓުތައް ފަދަ ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން މީޑިއާނެޓުގެ ހުއްދަ ނަގައިގެން ވޯލްޑްކަޕް ދެއްކުމުގެ ފުރުސަތު އެތަންތަނަށް އެބައޮތްކަމަށެވެ.

ކަނޑައެޅިފައިވާ އުސޫލްތަކާ ޚިލާފަށް ވޯލްޑްކަޕް ދައްކާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅާނޭކަމަށް ބުނެ މީޑިއާނެޓުން ވަނީ އިންޒާރުދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް