ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމަކީ ޔޫރަޕް ގައުމުތައް ފަދައިން އެއްޖިންސުން ގުޅުން ހިިންގުމަށް ތާޢީދުކޮށް އެކަން ޕްރޮމޯޓު ކުރާނެ ޓީމެއް ނޫން ކަމަށާއި މިފަހަރުގެ ވޯލްޑް ކަޕާއި ގުޅިގެން ހެދިފައި ހުރި ހުރިހާ ޤަވާއިދަކާއު އުސޫލުތަކަށް ތަބައަވާނެ ކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭސް ވިދާޅުވެއްޖެއެވެ.
މީޑިއާއާއި ވާހަކަދައްކަމުން ރޮޑްރިގޭސް ވިދާޅުވީ ޔޫރަޕުގެ ގިނަ ގައުމުތަކަކުން އެލްޖީބީޓީ ކެޕްޓަން ބޭންޑް ނޭޅޭތީ ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ކަމަށާއި، ނަމަވެސް ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމަކީ އެކަމަށް އެއްވެސް ވަރަކަށް ތާއީދުކުރާނެ ޓީމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ ގަތަރަކީ އިސްލާމީ ގައުމަކަށް ވުމުން އެ ގައުމުގައި އޮންނާނީ އިސްލާމީ އުސޫލުތައް ކަމަށް ޤަބޫލު ކުރާ ކަމަށާއި އެ އުސޫލުތަކަށް ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަނުންވެސް އަދި ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ޤަދަރާއި އިޙުތުރާމް ދޭނޭކަމަށެވެ.
ގަތަރަކީ އަބަދުވެސް ބެރެޒިލުން ތާއީދު ކުރާ ގައުމެއް ކަމަށާއި އެއީ ވޯލްޑް ކަޕް ބޭއްވިޔަސް އަދި ނުބޭއްވިޔަސް ބްރެޒިލުން އަބަދުވެސް ގަތަރާއި މެދު ދެކޭ ގޮތް ކަމަށް ރޮޑްރީގޭސް ވިދާޅުވިއެވެ.
ރޮޑްރީގޭސް އިތުރަށް ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ބްރެޒިލް އެކަމުގައި ބައިވެރި ނުވާނެ ކަމަށާއި، ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަޅާނީ ބްރެޒިލްގެ ޝިއާރު ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑެއް ކަމަށެވެ.
އަދި އެއީ ފުޓްބޯޅަ ކަމަށާއި މި ކުރިމަތި ލަނީ ދުނިޔޭގެ އެންމެ އަގު ބޮޑު މުބާރާތާއި ކަމަށް ވުމުން ފުޓްބޯޅައިގެ ފޯރި ގެއްލޭ ގޮތައް އެކަމުގެ ތެރެއަށް އަމިއްލަ ކަންކަން ވެއްދުމަކީ ރަނގަޅު ކަމެއް ކަމުގައި ނުދެކޭ ކަމަށް ވެސް ރޮޑްރިގޭސް ވިދާޅުވިއެވެ.
" އަހަރެމެން މިދަނީ ވޯލްޑް ކަޕް ކުޅެން. އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރާ ޝިއާރުތައް ފައުޅުކުރާކަށް ނޫން. އަހަރެމެން ގަތަރަށް އިޙުތިރާމު ކުރަން. އަދި ހެދިފައި ހުރި އުސޫލުތަކަށް ތަބައަވާނަން. ބްރެޒިލް ޓީމުގެ ކެޕްޓަން އަޅާނީ ބްރެޒިލް ގެ ޝިއާރު ރަމްޒުކޮށްދޭ ބޭންޑު." މީޑިއާއާއި ވާހަކަ ދައްކަމުން ރޮޑްރިގޭސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް