މަތީގައި އެވާ ފޮޓޯގައި އެވަނީ އިންޑޮނޭސިޔާގެ މޭޑަން ސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ސިއްތި އެވެ. ސިއްތި އަތުގައި އެވާ ފޮޓޯއިން އެ ފެންނަނީ މިދިޔަ ސެޕްޓެމްބަރު މަހު މަރުވި އޭނާގެ ދަރިފުޅު ފަޖުރު، ސިއްތިގެ އުނގުގައިވާ ފޮޓޯއެކެވެ.
މިއީ އިންޑޮނޭސިޔާގައި ކުޑަކުދިންނަށް ހުމާއި ރޯގާ އަދި ކެއްސުމަށް ދޭ ބޭސްތަކެއްގެ ސަބަބުން މަރުވެގެންދިޔަ ސަތޭކައަށްވުރެ ގިނަ ކުދިންގެތެރެއިން އެންމެ ކުއްޖެއްގެ ވާހަކައެވެ. އޮގަސްޓްގެ ފަހުކޮޅު ރޯގާ ޖެހުނު އެންމެ ފަސް އަހަރުގެ ފަޖުރަކީ އެހާ ހަމައަށް ވަރަށް "އެކްޓިވްކޮށް" އުޅުނު ކުއްޖެކެވެ. ނަމަވެސް ދެވުނު ބޭހެއްގައި އެކުލެވޭ ކެމިކަލް މާއްދާއެއްގެ ސަބަބުން ކިޑްނީ ފެއިލްވެ ވަކިވެ ދިޔައީއެވެ. އޭރަކު އެފަދަ ބޭސްތަކެއް މާކެޓްގައި ފުޅާދާއިރާއެއްގައި ދައުރުވަމުންދިޔަކަން ކަމާބެހޭ ފަރާތްތަކަށް އެނގިފައެއް ނެތެވެ. އެނގުނު އިރު 133 ކުއްޖަކު މިފަދަ ކެމިކަލްގެ ސަބަބުން ކިޑްނީ ފެއިލްވެ މަރުވެފައިވެއެވެ.
ސިއްތި ކިޔާދީފައިވާގޮތުގައި ފަޖަރު ރޯގާ ޖެހުމުން އޭނާ ބެލީ އެއީ ހަމަ އާދައިގެ ރޯގާއެއްކަމުގައެވެ. އާދައިގެ ރޯގާއަކާ ހަނގުރާމަނުކުރެވޭހާ އޭނާގެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރި ދަރިފުޅު ބަލިކަށި ނުވާނެކަމަށެވެ. އެހެންކަމުން ސިއްތި ބުނެފައިވާގޮތުގައި ގެއާ ކައިރި ބޭސް ފިހާރައަކުން އޭނާ ކޯފް ސިރަޕާއި ހުމަށް ދޭނެ ޕެރަސެޓަމޯލް ސިރަޕް ގަނެ ދަރިފުޅަށް ދިނެވެ.
ސިއްތި ބުނެފައިވާގޮތުގައި ވީ ކީއްކަން ހޮސްޕިޓަލަށްވެސް އެނގޭވަރުވީ ފަޖަރްގެ ފުރާނަ ދެން ސަލާމަތް ނުކުރެވޭހާ ހާލަތު ގޯސްވި ފަހުންނެވެ. ކޯފް ސިރަޕްގެ ސަބަބުން ކިޑްނީ ފެއިލްވަމުންދިޔަކަން ހޮސްޕިޓަލަށްވެސް ނޭނގުނު ކަމުގެ ޝަކުވާ ސިއްތި ކުރެއެވެ.
ކޮންމެއަކަސް ސިއްތިގެ ފަޖަރު ދުނިޔެ ދޫކުރިއިރުވެސް ހަމަ އެފަދަ ބޭސްތަކެއްގެ ސަބަބުން އެ ގައުމުގައި އެތައް ކުޑަކުދިންތަކެއް މަރުވަމުންދިޔަކަން ސިއްތިއަށްވެސް އެނގިފައެއް ނުވެއެވެ. އެކަން ސިއްތިއަށްވެސް އެނގުނީ މި ފަހުން އެ ވާހަކަތައް ހަބަރުތަކުން ގެނެސްދޭން ފެށުމުންނެވެ.
މިހާތަނަށް 250 އަށްވުރެ ގިނަ ކުޑަކުއްޖަކު އެފަދަ ބޭސްތަކާއި ގުޅުން ހުރި ކޭސްތަކުގައި ކިޑްނީ ފެއިލްވެފައިވާއިރު އޭގެތެރެއިން 133 ކުއްޖަކު ވަނީ މަރުވެފައެވެ. މިކަން ފެންމަތިވުމުން އެ ގައުމުގެ ސަރުކާރުންވަނީ ކުޑަކުދިންނަށް ދޭ، ހުމާއި ރޯގާގެ ހުރިހާ ދިޔާ ބޭހެއް ވިއްކުން ހުއްޓާލަން އަމުރުކޮށް ބޮޑު ބިޔަ ތަހުގީގެއް ފަށާފައެވެ. 1000 އަށްވުރެ ގިނަ އެފަދަ ބޭހެއް ވިއްކުން ވަނީ މަނާކޮށްފައެވެ.
މިހާތަނަށް އިންޑޮނޭސިޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ މިންވަރަށް ބަލާއިރު އެ ބޭސްތަކުގައި ކެމިކަލްގެ ތިން ބާވަތެއް ކަމުގައިވާ އެތިލީން ގްލައިކޯލް، ޑައިތަލީން ގްލައިކޯލް އަދި ގްލައިކޯލް ބަޓީލްގެ އަސަރު ވަނީ ފެނިފައެވެ. މި ކެމިކަލްތަކަކީ އޭސީއައި ފްރީޒަރުފަދަ ތަކެއްޗަށް އަޅާ ގޭހުގައި އެކުލެވޭ ކެމިކަލް ތަކެކެވެ.
އެ ގައުމުގެ ގައުމީ ބޮޑު މި މައްސަލައާއި ގުޅިގެން އަދި ވަކި ކުންފުންޏަކަށް އިނގިލި ދިއްކޮށްފައިނުވިނަމަވެސް ބޭސް އުފައްދާ ދެ ކުންފުންޏެއްގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެތަނުން އެއް ކުންފުންޏަކުން ވަނީ އެ ކުންފުނިން އުފައްދާ ބޭސްތަކަށް ބޭނުންވާ ބައެއް މާއްދާތައް، ކުރިން ގަންނަމުންދިޔައީ ފާމަސޫޓިކަލް ކެމިކަލް ސަޕްލަޔަރުން މެދުވެރިކޮށް ނަމަވެސް ސީދާ ކެމިކަލް ސަޕްލަޔަރުން އަތުން ގަންނަން ފަށާފައިކަން ހާމަވެފައެވެ.
އިންޑޮނޭޝިޔާގައި މިކަން ހިނގައިގެން އުޅޭއިރު ކުޑަކުދިންނަށް ހާއްސަ ޕެރަސަޓްމޯލް ސިރަޕްތަކަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިންވެސް އާދީއްތަ ދުވަހު މިވަނީ އިލްތިމާސްކޮށްފައެވެ.
އެ ބޭސްތަކަކީ
ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވަނީ:
- ޓާމޮރެކްސް
- ފްލުރިން ޑީއެމްޕީ
- ޔުނި ބޭބޭ ކޯފް ސިރަޕް
- ޔުނި ބޭބީ ޕެރަސެޓަމޯލް ޑްރޮޕްސް
- ޔުނި ބޭބީ ޕެރަސެޓަމޯލް ސިރަޕް
- ޕެރަސެޓަމޯލް ޑްރޮޕްސް
- ޕެރަސެޓަމޯލް ސިރަޕް (މިންޓް)
- ވިޕްކޯލް ސިރަޕް
މި ސިރަޕްތަކަށް އެތެރެކޮށް ވިއްކުން މަނާ ކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިރުޝާދުގެ މަތިން ކަމަށާއި ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަޣައްޔަރުވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. މި މާއްދާތަކަކީ އިންޑޮނޭޝިޔާގައި މި ހިނގައިގެން އުޅޭ މައްސަލައިގާވެސް ފާހަގަކުރެވުނު ކެމިކަލް މާއްދާތަކެވެ.
މި ބޭސްތައް މަނާކުރި އިރު މިއީ ރާއްޖޭގައި އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސްތަކެއް ނޫނެވެ. އެކަމަކު ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް އެ ބޭސް އެތެރެ ވުމުގެ ފުރުސަތު އޮތުމުން އެގޮތަށް އިލްތިމާސް ނެރުނީ ކަމަށް ބުންޏެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެ ބޭސްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ އޮތޯރިޓީއާ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
ދާދި ފަހުން އެމްއެފްޑީއޭއިން ވަނީ އިންޑިއާގައި އުފައްދާފައިވާ ކުޑަކުދިންނަށް ހާއްސަ ކޮފްސިރަޕެއްވެސް ބޭނުންކޮށް އެތެރެ ކުރުން މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް