ކޮވިޑު-19 އިން ދިފާއު ވުމަށް ރާއްޖެއަށް ބޭނުންވާ ފައިޒާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރުން އެމެރިކާގެ ފައިޒާ ކުންފުންޏާއެކު ސޮއިކުރަން ނިންމައިފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ނެރުއްވި ޤަރާރެއްގަ އެވެ.
އެ ގަރާރުގައި ވިދާޅުވެފައިވަނި ކޮވިޑުން ދިފާއު ވުމަށްޓަކައި ފައިޒާ ވެކްސިނަކީ މުޅި ދުނިޔެއަށް ވެސް ބޭނުންޖެހިފައިވާ ވެކްސިނަކަށް ވުމުން އަދި ވަކި ބައެއްގެ ފަރާތުން ނޫނީ މި ވަގުތު އެ ވެކްސިން ލިބެން ނެތް ކަމުގަ އެވެ. އަދި ކޮވިޑުން ދިވެހިން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޤަރާރުގައި ވާގޮތުން ފައިޒާ ބަޔޮންޓެކް ވެކްސިން ހޯދަން ސޮއިކުރަން ނިންމީ، ފައިޒާ އެކްސްޕޯޓް ބީވީއާއެކުގަ އެވެ.
“އެ ޤަރާރުގައި މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 1.02.1 ވަނަ މާއްދާއިން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، އިސްވެ ދެންނެވުނު އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ތިރީގައި ބަޔާންކޮށްފައިވާ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމައިފީމެވެ،”
އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ މާލިއްޔަތު ޤަވައިދުގެ 10.43 ވަނަ މާއްދާ އާއި 10.52 ވަނަ މާއްދާ އާއި 10.67 ވަނަ މާއްދާ އަދި 10.71 ވަނަ މާއްދާ އެވެ. އަދި އެ ގޮތަށް ނިންމާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި ފައިޒާ އެކްސްޕޯޓާއެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތުގެ މައްޗަށެވެ.
ވެކްސިން ގަތުމަށްޓަކައި ފައިޒާއާއި އެކު އެއްބަސްވުން އެކުލަވާލާ މުއްދަތާއި ވެކްސިން ގަތުމަށްޓަކައި އަރާ ޚަރަދު ހާމަކޮށްފަ އެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް