ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދިން އިސްމާއިލް ޔާފިސްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސް އެވެ.
ޢުމުރުން 40 އަަހަރުގެ ޔާފިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.
އެހެންނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ވަގުތީ ގޮތުން އެ ސެކްޝަނާ ހަވާލުވެ ހުންނެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ 30 ދުވަހަށް ބަންދު މުއްދަތު އިތުރު ކުރުމަށެވެ.
ޔާފިސްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މި މަހުގެ 4 ވަަނަ ދުވަހު ފޮނުވާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް 2020 ވަނަ އަހަރުން ފެށިގެން ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް ކުރަން ފޮނުވި ދައުވާތަކާއި އަދަބު:
1. ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން. އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު
2. ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ. އަދަބު: 4 އަހަރާއި 6 އަހަރާ ދެމެދު
3. ގާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 16-1 ގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން. އަދަބު: 3 އަހަރާއި 5 އަހަރާ ދެމެދު
ނަޝީދަށް އިންޒާރުދިން މައްސަލާގައި ރ. މީދޫން މިދިޔަ އޮގަސްޓު މަހުގެ 23 ގައި ޔާސިފް ހައްޔަރުކުރީ، ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށާއި، މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލައަށްވުރެ ވަރުގަދަ ހަމަލައެއް ދޭނެ ކަމަށް ބުނެ، ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް