ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަ ކުރުމަށް ބަޖެޓަށް އިސްލާހު ގެންނަން ޖެހޭ: ނާޒިމް

ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަ ކުރުމަށް ބަޖެޓަށް އިސްލާހު ގެންނަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ...

15 Nov 2021 | 12:31

ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަ ކުރުމަށް ބަޖެޓަށް އިސްލާހު ގެންނަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ނެވެ.

ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކާނަލް ނާޒިމް ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓުން ފެންނަނީ ހުސް ކަންބޮޑުވާ ކަންތައްތައް ކަމަށެވެ.

ސިޔާސީ މަގާމުތައް މަދުން އުފައްދާނަމަ، ހުރިހާ އަތޮޅު ތައުލީމީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް ހިންގާނެ ފައިސާ ސަލާމަތް ކުރެވޭނެކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ސިޔާސީ ކަންތައްތަކަށް ކުރާ ޚަރަދުތައް އެތައް ގުނައެއް ބޮޑު ކަމަށެވެ.

ސަރުކާރުން ބަޖެޓުގައި ހިމަނާ މަޝްރޫއުތައް ވެސް ތަންފީޒު ނުވާކަމަށާއި އެހެންވަނީ ލިބޭ އާމްދަނީއަށް ވުރެ ކުރާ ޚަރަދުތައް އިތުރުވުމުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމް ވިދާޅުވީ 2019 ވަނަ އަހަރު 622 ސިޔާސީ މަގާމު ސަރުކާރުން އުފެއްދި ކަމަށާއި މިދިޔަ އަހަރު އެ އަދަދު އޭގެ ދެ ގުނައަށް އިތުުރުވެފައިވާ ކަމަށެވެ.

އަތޮޅު ތައުލީމީ މަރުކަޒުތަކަށާއި ހޮސްޕިޓަލުތައް ހިންގަން ދާ 400 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ސިޔާސީ މަގާމުތަކަށް ޚަރަދުކުރަން ޖެހިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް