ޓްރާންސްޕޯޓް އޮތޯރިޓީގެ ބިޑް ކޮމިޓީގައި ހިމެނޭ ދެ ނައިބުންކަމަށްވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އާއި ހަމަދު އަބްދުލްޣަނީ އަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ފޮނުވީ ރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުން ކުރުމަށް އެ ނަންބަރު ބޯޑުތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލުކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑު ކުރުމުގެ މަސައްކަތް ކުރިކަމުގެ ތުހުމަތުގަ އެވެ.
މި ދައުވާ ފަސް މީހަކަށް ދައުވާ ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީއަށް ހުށަހަޅާފަ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާއި ހަމަދު އަބްދުލްޣަނީގެ އިތުރުން އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ، އޭސީސީން ޕީޖީ އޮފީހަށް ފޮނުވި 8 މައްސަލައިގެ ތެރެއިން މިހާރު އެ އޮފީހުގައި އޮތީ ތިން މައްސަލައެއް ކަމަށެވެ.
ޝަމީމު ވިދާޅުވީ އޭގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އޭސީސީއަށް އަންގާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް