މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ބަހުސް ނިންމާލައިފި

މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ބަހުސް ނިންމާލައިފި އެވެ. އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު...

15 Nov 2021 | 11:15

މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ބަހުސް ނިންމާލައިފި އެވެ.

އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ބަހުސް މިއަދު ނިންމާލާފައިވާ އިރު، ބަޖެޓު ބަހުސް ކުރިއަށްގެންގޮސްފައިވަނީ އެކަމަށް ބޭނުންވާ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދެއްވައިގެން ނެވެ. އެއީ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމި ގޮތެވެ.

ބަޖެޓުގެ ބަހުސް އެންމެފުރަތަަމަ ކުރިއަށް ގެންދިޔައީ ދެ ދުވަހަކށް ނަމަވެސް 4 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމީ ގިނަ މެމްބަރުން އެކަމަށް އެދިވަޑައިގެންފައިވާތީ އެވެ. އަދި މި 4 ދުވަހުގެ ތެރެއިން ބައެއް ދުވަސްތަކުގައި ހަވީރު ވެސް ބަހުސް ކުރިއަށް ގެންގޮސްފައި ވެއެވެ.

ބަހުސް ނިމުމުން ޖަލްސާގެ ރިޔާސަތު ބަހަލައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ ބަހުސަށް އެދިވަޑައިގެންނެވި މެންބަރުންގެ ތެެރެއިން ޖަލްސާއަށް ވަޑައިގެން ތިއްބެވި މެންބަރުން ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވާފައިވާ ކަަމށެވެ. އަދި އެގޮތުން 70 މެންބަރުން ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި ކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.

އީވާ ވިދާޅުވީ ބަހުސްގައި 16 ގަޑިއިރާއި 12 މިނިޓް ހޭދަ ވެފައިވާ ކަމަށެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްގެންދާ ކަމަށާއި އަންނަ ހަފުތާގައި ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަންނަ 2022 އަށް ސަރުކާރުން ހުށަހަޅާފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް