ސްރީލަންކާގެ އެން-އޭބަލް ކުންފުނީގެ ވިޔަފާރި ދިވެހިރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
މި ވިޔަފާރި ރާއްޖެއަށާް ތަޢާރަފްކޮށްފައި މިވަނީ އެގައުމުގައި ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑުގެ ވިޔަފާރި ފުޅާ ކުރުމުގެ ތެރެއިން ނެވެ.
އެން-އޭބަލްގެ އަމާޒަކީ ކުންފުނީގެ ތަޖުރިބާތައް ކަސްޓަމަރުންނާއި ހިއްސާކޮށް، ވިޔަފާރީގެ ތެރެއިން ފުރިހަމަ ނަތީޖާތަކާއި ހަމައަށް ވާސިލުވެ، ވިޔަފާރީގެ ފެންވަރު ރަނގަޅުކުރާނެ މަގު ކަސްޓަމަރުންނަށް ފަހި ކޮށްދިނުމެވެ.
އުމްރާނީ ވަސީލަތްތަކާއި އެޕްލިކޭޝަންގެ ދާއިރާތަކަށް ބޮޑު އިސްކަމެއް ދީގެން ޑިޒައިންގެ ދާއިރާއިން ވަށާޖެހޭ ހައްލުތައް ފޯރުކޮށްދިނުމަށްޓަކައި އެން-އޭބަލްއިން ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއެކު ޕާޓްނާޝިޕްތައް ގާއިމް ކުރާނެ އެވެ.
އެން-އޭބަލް އަކީ ކަންކަމަށް ބޭނުންވާ ހައްލުތައް ޑިޒައިންކޮށްދިނުމާއި، ތަންފީޒުކުރުމުގެ ޤާބިލުކަމާއި ވަސީލަތްތައް ހުރި ކުންފުންޏަކަށްވުމުން، ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންގެ ބެނުންތައް ފުއްދައިދިނުމުގެ ކުޅަދާނަކަން ކުންފުންޏެކެވެ.
އެހެންކަމުން އެން-އޭބަލްގެ އަމާޒަކީ މިހާތަނަށް އެކިއެކި ބައިނަލް އަގްވާމީ މާކެޓުތަކުގައި މަސައްކަތް ކޮށްގެން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރިޔަށްދިޔުމެވެ.
ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށް ފުޅާ ކުރުމާއި ބެހޭގޮތުން އެން-އޭބަލްގެ ސީ.އީ.އޯ، އަސަންކާ ބިމާލް ރާޖަސިންހަ ވިދާޅުވީ ލިބިފައިވާ ތަޖުރިބާގެ އަލީގައި ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރިއަރާފައިވާ ހައްލުތައް، އެކިއެކި ޓެކްނޮލޮޖިކަލް ވަރޓިކަލްތައް ހިމެނޭގޮތުން، ބައިވަރު ސިނާއަތްތަކަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުދުނިޔެއަށް ވިޔަފާރި ފުޅާކުރުމުގެ ގޮތުން އެޅިގެން މިދާ ފިޔަވަޅާއި މެދު ވަރަށް އުފާކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގްލޯބަލް އެކްސްޕޭންޝަން ޑްރައިވްގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން މިސަރަހައްދުގައި އަޅުގަނޑުމެންގެ ވިޔަފާރި ވަރުގަދަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހިދުމަތްތައް ފެށިގެން ދިޔުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެކުގައި މަސައްކަތްކުރެވުނު ކަސްޓަމަރުންގެ އައި.ޓީ. އަދި ބަދަލުގެނުވަނިވި ވިޔަފާރީގެ މުހިއްމު ބަޔަކަށް އެން-އޭބަލް ވެގެން ދިޔުމަކީ ހުނަރުތައް ކުރިއަރުވާ، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބިގެންދިޔަ ހިއްވަރެއް ކަމަށެވެ. އަދި މިހާރުގެ އުންމީދަކީ ޤާބިލިއްޔަތު އިތުރުކޮށް، އާ ގައުމުތަކާއެކު ތަޖުރިބާތައް ހިއްސާކުރުން ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެން-އޭބަލްގެ ވިޔަފާރި ފުޅާކުރުމުގެ އަމާޒު ފާހަގަކޮށް، ހެޑް އޮފް އޮޕަރޭޝަންސް، ސަމީރަ ވިރާޖް ކޮދިޓުވައްކު ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ރާއްޖެއަށް ފުޅާ ކުރާކަން އިއުލާން ކުރަނީ ވަރަށް ފަޚުރުވެެރިކަމާއެކު ކަމަށާއި ކުންފުނީގެ އަމާޒަކަށް އަބަދުވެސް ވެފައިވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތައް ކުރިއަރުވައިގެން ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ.
" އަޅުގަނޑުމެންނަށް ދިވެހިރާއްޖެ ފެނިގެންދަނީ ވިޔަފާރި ކުރިއެރުވުމަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެފައިވާ މާކެޓެއްގެ ގޮތުގައި. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ދިވެހިރާއްޖޭގެ ކުރިއަރަމުން އަންނަ އިޤްތިސާދުގެ ސަބަބުން އުފެދެމުންދާ ވިޔަފާރިތަކުގެ ޑިމާންޑުތައް ފުއްދުމަށް ޓެކްނޮލޮޖީގެ ރޮނގުން ހައްލުތައް ހޯދައިދިނުމަށް." އޭނާ ވިދާޅުވި އެވެ.
2008 ވަނަ އަހަރު އުފެދިގެން އައި އެން-އޭބަލް ކުންފުންޏަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކޮނޮލޮޖީގެ ތަފާތު ޚިދުމަތްތައް ފޯރުކޮށްދީ، ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ޓެލެކޮމް، ބޭންކިންގ އަދި ފައިނޭންޝަލް، ސަރުކާރު، އަދި އެންޓަޕްރައިޒްގެ ދާއިރާތަކުން ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި އެން-އޭބްލްއިން ވަނީ ގުޅިފައިވާ، ވިސްނުންތެރި، އަދި އެފިޝެންޓް ދުނިޔެއެއް ބިނާކުރުމުގެ މަގުސަދުގައި ސްރީ ލަންކާގައި، އަދި އެހެން ގައުމުތަކުގައި އެތަކެއް މުހިއްމު މަލްޓި-ސެކްޓޯރަލް ޓެކްނޮލިޖީ ޕްރޮޖެކްޓުތަކެއް ހިންގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް