ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވައިފި އެވެ.
އެގޮތުން ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ އަބިއޮޔޭ މުޙައްމަދު ބެއްލޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ނައިޖީރިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ.
ނައިޖީރިއާގެ އައު ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ރާއްޖެއާއި ނައިޖީރިއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ނައިޖީރިއާ އާއި ދެމެދު އޮތް 40 އަހަރު ވެފައިވާ ތާރީޚީ ގާތް ގުޅުން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން މި ގުޅުން ބަދަހިކުރެއްވުމަށް ޢަޒުމް ކަނޑައަޅާފައިވަނީ، ދެ ޤައުމުން ޤަބޫލުކުރާ އެއްބައިވަންތަކަމުގެ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ރައީސް ސޯލހު ވަނީ ކުރިއަށް އޮތް ދުވަސްތަކަށް ހެޔޮއެދުންތައް އަރިސްކުރައްވައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ އެލަން އެލް ޑެނިއެގާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ވެސް މިއަދުވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފިލިޕީންސްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެ ޤައުމުގައި ހުރި ޚިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން އެދެބޭފުޅުން ވަނީ ދެ ޤައުމުގެ މިހާރުގެ ކޮވިޑްގެ ޙާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ފިލިޕީންސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ދެއްވާ މެހްމާންދާރީއާއި، ވެދެއްވާ އެހީއަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފިލިޕީންސްގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މައިކަލް އެޑްވަރޑް އެޕަލްޓަން ވެސް ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ނިއުޒިލޭންޑްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ރާއްޖެއާއި ނިއުޒިލެންޑާއި ދެޤައުމުގެ ސިޔާސީ ގުޅުން ޤާއިމުކުރިތާ 47 އަހަރު ފުރުން ފާހަގަކުރީ މިދިޔަ އަހަރު ކަމުގައި ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން ނިއުޒިލެންޑަކީ ރަނގަޅު އެކުވެރިއެއްގެ އިތުރުން ރަނގަޅު ބައިވެރިއެއްކަމުގައިކަންދެކޭކަމަށް ފާހަގަކުރެެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮންނަނީ އެއްޤައުމުން އަނެއް ޤައުމަށް ޚާއްޞަ އަދި ދެޤައުމުގެވެސް ޝައުޤުވެރިކަން އޮންނަ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން ވަކިން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި، ދެ ޤައުމުން ވެސް އެންމެ ކަންބޮޑުވާ އެއްދާއިރާއަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާއި، ދެ ޤައުމުގެ މިހާރުގެ ކޯވިޑް-19 ގެ ޙާލަތާއި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި، ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ޤައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް