ކޮޕީ ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މއ. ކޮޕީގެ، މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ދިވެހިބަހުގެ އެކަޑަމީގައި ހުޅުވައިފިއެވެ...

15 Nov 2021 | 06:44

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މއ. ކޮޕީގެ، މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ދިވެހިބަހުގެ އެކަޑަމީގައި ހުޅުވައިފިއެވެ.

މި ދަފްތަރުގައި ސޮއި ކުރެއްވުން ކުރިއަށް ދާނީ މި މަހުގެ 30 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށެވެ. މި ދަފްތަރުގައި ދިވެހިބަހުގެ އެކަޑަމީގެ ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިން އަންނަނީ ސޮއި ކުރައްވަމުންނެވެ.

އަވަހާރަވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.

އޭނާއަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

ކޮޕީ ރަޝީދަށް ވަނީ މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު ޅެން ހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވާފަ އެވެ.

ގައުމީ މުނާސަބަތުތަކަށާއި އެކިއެކި ޚާއްސަ ހަފުލާތަކާއި މަދަރުސާ ކުދިންގެ ލަވަ މުބާރާތްތާއި ރާއްޖޭގައި ނެރެފައިވާ އެކިއެކި ލަވަ އަލްބަމުތަކަށް ގިނަ އަދަދަކަށް ލަވަ ހައްދަވައިދެއްވާ އިރު، ވަރަށް ގިނަ އޯޑިއޯ އަލްބަމުތަކަށް ވެސް ރަޝީދު ވަނީ ލަވަ ހައްދަވައިދެއްވާފަ އެވެ..

މީގެ އިތުރުން ދިވެހި ކުރު ވާހަކަ އާއި ދިގު ވާހަކަ ލިޔުމުގެ ރޮނގުގައި ފާހަގަކޮށްލެވޭ ކޮޕީ ރަޝީދުގެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ “ނުބީހެންޏާ ކަނޑާހަމަ” އެވެ.

32 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އިރު، ބ. އަތޮޅު އަތޮޅުވެރިކަމާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރުކަން ވަނީ ކުރައްވާފަ އެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް ކޮޕީ ރަޝީދު ވަނީ ފުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް