އޮންލައިން މީޑިއާތައް ރެގިއުލޭޓް ކުރުމަށްޓަކައި ސޮފްޓްވެއާ ތައްޔާރުކުރުމަށް ބަޖެޓު އިތުރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި އެދިއްޖެ އެވެ.
ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި މީޑިއާ ކައުންސިލަށް ދޭން ކަނޑައަޅާފައިވާ 5.1 މިލިއަން ރުފިޔާގެ ބަޖެޓަކީ އެކަށީގެން ވާ ބަޖެޓެއް ނޫން ކަމުގައެވެ.
އަދި މިހާރު ކަނޑައަޅާފައިވާ 5.1 މިލިއަން ބަޖެޓަށް އިތުރު 2.5 ރުފިޔާ އިތުރުކޮށް ދިނުމަށް އެދިވަޑައިގެންފައިވެއެވެ.
ޑރ. ސަމީރު ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ބޭނުންވާ މެކޭނިޒަމް ހެދުމަށް 450،463 ރުފިޔާ ބޭނުންވާ ކަމަށާއި، މިނިމަމްވޭޖުގެ ސަބަބުން މުވައްޒަފުންގެ މުސާރައަށް ހަމައެކަނި 397.997 ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިން ތަމްރީނު ކުރުމަށް 300،000 ރުފިޔާ ބޭނުންވާ ކަމަށެވެ.
އެ ބަޖެޓުން އެކަށީގެންވާ ވަރަށް މީޑިއާތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ޑރ. ސަމީރު ފާހަަގަ ކުރެއްވި ގޮތުގައި އެ ބަޖެޓު ތެރެއިން ނޫސްވެރިން ތަމްރީނުކޮށް، މީޑިއާ ކައުންސިލަށް ބޭނުންވާ އިތުރު މުވައްޒަފުން ނަގައި މިނިމަމް ވޭޖުން ކަނޑައަޅާފައިވާ މުސާރަ ނުދެވޭނެ ކަމުގައެވެ.
ޑރ. ސަމީރު އިތުރަށް ވިދާޅުވި ގޮތުގައި ނޫސްވެރިން ތަމްރީނު ކުރުމަށާއި އަތޮޅުތެރެއަށް ކުރާ ދަތުރުތަކަށް 1.4 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް