އިންޑިއާގައި ހަ މަސްތެރޭގައި 400 މީހުން، 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް!

އިންޑިއާގައި ހަ މަސް ތެރޭގައި 400 އަށްވުރެ ގިނަ މީހުން، 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. މި ހާދިސާ ހިނގައިގެން އުޅެނީ މަހާރާޝްޓްރާ ސްޓޭޓްގެ ބީޑް ޑިސްޓްރިކްޓުގަ...

15 Nov 2021 | 03:47

އިންޑިއާގައި ހަ މަސް ތެރޭގައި 400 އަށްވުރެ ގިނަ މީހުން، 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި ހާދިސާ ހިނގައިގެން އުޅެނީ މަހާރާޝްޓްރާ ސްޓޭޓްގެ ބީޑް ޑިސްޓްރިކްޓުގައި އެވެ. މިހާރު އެ ކުއްޖާ ބަލިވެ އިނދެގެން ބަނޑަށް ދެމަހެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކުއްޖާއަކީ ގާނޫނާއި ހިލާފަށް ކުޑައިރު ގަދަކަމުން ކައިވެނި ކުރުވާފައިވާ ކުއްޖެކެވެ. ކުއްޖާ ރޭޕް ކުރުމުގެ މައްސަލަ ފުލުހުން ފައިލް ކުރީވެސް ކުޑަކުދިން ކައިވެނި ކުރުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލައިގަ އަދި ހައްޔަރު ކުރެވުނީ އެންމެ ތިން މީހުންނެވެ.

އެ ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ އޭނާގެ މަންމަ މީގެ ދެތިން އަހަރު ކުރިން މަރުވުމުން މީގެ އަށް މަސް ކުރިން ބައްޕަ ގަދަކަމުން އޭނާ މީހަކާއި ކައިވެނި ކުރުވީކަމަށެވެ. އެ ކުއްޖާ ބުނީ ކައިވެންޏަށް ފަހު ފިރިމީހާ އާއި ފިރިމީހާގެ އާއިލާގެ ފަރާތުން ލިބުނު ފުރައްސާރައާއި އަނިޔާއަށް ކެތް ނުކުރެވިގެން ފިލައިގެން ބައްޕަ ކައިރިޔަށް ދިޔައީ ކަމަށެވެ.

އެކަމަކު ބައްޕަ އޭނާ ބަލައިގެންނަން ދެކޮޅު ހަދައި ގެއިން ނެރުނީ ކަމަށް ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ. އެހާ ގިނަ މީހުންނަށް އޭނާ ރޭޕް ކުރަން ފުރުސަތު ލިބުނީ ވަންނަނާނެ ތަނެއް ނެތި ބީޑް ޑިސްޓްރިކްޓުގެ މަގުމަތީ ސަލާންޖަހަން އުޅެން ޖެހުމުން ކަމަށް ބުނެފައިވެ އެވެ.

އޭނާ ބުނީ މިދިޔަ ހަ މަސްތެރޭގައި އެތައް ފަހަރަކު ފުލުހުންނަށް މައްސަލަ ހުށަހަޅަން ޕޮލިސް ސްޓޭޝަންތަކަށް ގޮސްފައި ހުންނާނެ ކަމަށެވެ. އެކަމަކު އޭނާ އަކީ ސަލާންޖަހާ ކުއްޖަކަށްވާތީ ދައްކާ ވާހަކަ ގަބޫލު ނުކޮށް އެއްވެސް ތަނަކުން މައްސަލަ ފައިލް ނުކުރި ކަމަށެވެ.

އޭގެ ބަދަލުގައި މައްސަލަ ފައިލް ކުރަން ދިޔަ އެއް ފަހަރު ފުލުހެއްގެ ފަރާތުންވެސް ޖިންސީ އަނިޔާ ލިބުނުކަމަށް ކުއްޖާ ބުންޏެވެ.

ބީޑް ޑިސްޓްރިކްޓުގެ ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އިތުރު މީހުން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް