އުރީދޫ ކަލަރ ރަންގެ ނަމުގައި، ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އައު، އަދި އެހާމެ ކުލަގަދަ އިވެންޓެއް މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ. ޔުނިކްސް ސްޕޯޓްސް އާއި އެކު ކުރިއަށްގެންދާ މި ދުވުން ބޭއްވިގެންދާނީ 2 ޑިސެމްބަރ 2017 ކަމަށްވާ ހޮނިހިރު ދުވަހުގެ ހަވީރު، ހުޅުމާލޭގައެވެ. މިފަދަ ދުވުންތައް ދުނިޔޭގެ އެކިހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާއިރު، ރާއްޖޭގެ ގިނަ ދުވުންތެރިންނެއް ވަނީ އުރީދޫ ކަލަރ ރަން އަށް ހޫނު މަރުޙަބާ އެއް ކިޔާފައެވެ.
އުރީދޫ ކަލަރ ރަން ރާއްޖެއަށް ތައާރަފް ކުރުމަށް އިއްޔެ ހުލުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ މި ފޯރިގަދަ ރަން ދިވެހި ދުވުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ، އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދުވުންތެރިންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވެފައި، މި ކަމަށް އިތުރު ހިއްވަރެއް ދިނުމުގެ ގޮތުން، އަޅުގަނޑުމެން މި ތައާރަފްކުރަނީ މި ދާއިރާ އަށް މުޅިން އައު އަދި ތަފާތު އިވެންޓެއް." އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.
އުރީދޫއިން ހާމަކުރާގޮތުގައި އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުމުރުން ހަތް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، އެއްވެސް ފީ އަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހަމަ އެހެންމެ، ކަލަރ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތަށް ހިމެނޭ ކިޓެއްވެސް ގަންނަން ލިބޭނެއެވެ. މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން It's now ore.do/colorrun މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކުރެވޭނެއެވެ.
އުރީދޫއިން ހާމަކުރާގޮތުގައި ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެއެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް، އުރީދޫ އަދި މި ދުވުމުގެ އެންމެހާ ޕަރޓްނަރުން ދައުވަތު އަރުވައެވެ. މި ދުވުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ފޯރުކޮށްދެވޭނެ ކަމުގައި އުރީދޫއިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް