ސަރުކާރުގެ ޚަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން އެކި އެކި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން228 ބޭފުޅަކު މަގާމުން ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
އެގޮތުން ވަކިކުރުމަށް ނިންމާފައިވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި،43 ޑެޕިއުޓީ މިނިސްޓަރުން އަދި109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި،69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ، މިއީ އިގްތިސާދު އިސްލާހު ކުރުމަށް އަޅުއްވާ ފިޔަވަޅުތެރެއިން ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން މި ނިންމެވުމާއި އެކު ދައުލަތުގެ ބެޖެޓުން5.714 މިލިއަން ރުފިޔާ ކޮންމެ މަހަކު ސަލާމަތް ކުރެވޭނެ ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަކި ކުރެއްވުމަށް ނިންމާފައިވާ ބޭފުޅުން ކުރިއަށް އޮތް15 ދުވަސް ތެރޭގައި ވަކި ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ އަދަދު ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބބެވި ބޭފުޅުންގެ އަދަދު2000 އިން މައްޗަށް އަރައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް