ވިފާގުގެ މަރުގެ މައްސަލައިގާ ދެކެވުނު ވާހަކަތަކަށް ފުލުހުން މާފަށް އެދިއްޖެ

އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގއ. މާމެންދޫ/ބީޗްވިލާ ވިފާޤް އިބްރާހީމް އަދުނާން، އޭނާ ދިރިއުޅެމުން ދިޔަ މ. ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި ނިޔާވެފައިވާ މައްސަލައާއި...

15 Oct 2024 | 03:09

އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގއ. މާމެންދޫ/ބީޗްވިލާ ވިފާޤް އިބްރާހީމް އަދުނާން، އޭނާ ދިރިއުޅެމުން ދިޔަ މ. ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި ނިޔާވެފައިވާ މައްސަލައާއި ގުޅިގެން ދެކެވުނު ވާހަކަތަކަށް ދިވެހި ފުލުހުން މާފަށް އެދިއްޖެއެވެ.

ވިފާގުގެ މަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އާދީއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވިފާގުއާ ގުޅޭ ޒާތީ ވަރަށް ބައިވަރު މައުލޫމާތު ފުލުހުން އާންމުކުރި އެވެ. ފުލުހުން އެކަމަށް މާފަށް އެދިފައިމިވަނީ އެކަމަށް އާންމުންގެ ފަރާތުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވަނިކޮށެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ މީޑިއާ ބްރީފިންގގައި އެ މައްސަލައިގެ ތަޙްޤީޤާއި ގުޅުންހުރި މަޢުލޫމާތު ދިނުމުގައި މައްސަލައާއި ގުޅުންހުރި ތަފްޞީލް މަޢުލޫމާތުތަކެއް ދިނީ އެމައްސަލައާ ގުޅޭގޮތުން މީޑިއާއަކުން އެކަމުގެ ޙަޤީޤަތްތަކެއް އޮޅޭ ގޮތަށް، ފުލުހުންގެ މުއައްސަސާގެ ތަޙްޤީޤް ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅޭގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ ޢާއިލާގެ ބައެއް ފަރާތްތަކާއިވެސް ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތަކެއްވެސް ހިމެނޭގޮތުން ޕްރޮގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްތް ކޮށްފައިވުމުމާއިވެސް އެކުގައި ކަމަށެވެ.

"އެ މަޢުލޫމާތުތައް މި ޚިދުމަތުގެ ފަރާތުން ދީފައިވާނީ ނިޔާވި ކުއްޖާގެ މަންމައާއި ބައްޕަ ހިމެނޭގޮތުން އެކުއްޖާގެ ޢާއިލާއަށްވެސް އެކަން އެނގިގެން" ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އެ މީޑިއާ ބްރީފިންގ ކުރިއަށް ގެންދިޔމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫންގޮތުގައި ގެނެސްދެވުނުކަން ފުލުހުންގެ ފަރާތުން ޤަބޫލުކޮށް، އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް