އިސްރާއީލުން އަންރުވާ ނައްތާލަންކުރާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

ފަލަޞްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، އަންރުވާ އުވާލައި އެ ޖަމިއްޔާގެ އޮފީސްތަކަށް ވެރިވެގަނެ އިސްރާއީލު-ފަލަޞްޠީނުން އަންރުވާ ފޮހެލަނ...

15 Oct 2024 | 02:28

ފަލަޞްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، އަންރުވާ އުވާލައި އެ ޖަމިއްޔާގެ އޮފީސްތަކަށް ވެރިވެގަނެ އިސްރާއީލު-ފަލަޞްޠީނުން އަންރުވާ ފޮހެލަން އިސްރާއީލުން ކުރަމުން އަންނަ މަސައްކަތް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އަންރުވާ (UNRWA) އަކީ ފަލަޞްޠީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ މައި ޖަމްޢިއްޔާއެވެ.

އިރުމަތީ ޤުދުސްގައި އިސްރާއީލުން ވަޒަންވެރި ކުރުވަމުން އަންނަ ސަރަހައްދުގައި ހުރި އަންރުވާގެ އޮފީސް ނައްތާލައި އެ ސަރަހައްދުގައި ޔާހޫދީން އިތުރަށް ވަޒަންވެރި ކުރުވަން އިސްރާއީލުން ވަނީ ނިންމާފައެވެ. އަދި އަންރުވާގެ ހަރަކާތްތައް އެ ސަރަހައްދުގައި ކުރިއަށް ގެންދިއުން ހުއްޓުވުމަށާއި އަންރުވާއާއިއެކު ވެފައިވާ އެއްބަސްވުންތައް އުވާލުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ބިލްތަކެއްވެސް ވަނީ ފާސްކޮށްފައެވެ.

ދިވެހި ސަރުކާރުން މިއަދު ހެނދުނު އެކަން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނިއްޔަތާބެހޭ ޤާނޫނުތަކަށް ބޯނުލެނބުމުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތު ރާއްޖެއިން ކުށްވެރި ކުރާކަމަށާއި އަންރުވާ ނައްތާލަން އިސްރާއީލުން ކުރާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިސްރާއީލުގެ މި އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ގޮވާލާކަމަށްވެސް ރާއްޖޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ޖަމްޢިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް