ލުބުނާން ފަޅިން އިޒްރޭލަށް ދިން ހަމަލާތަކެއްގައި އިޒްރޭލްގެ އެކަކު މަރުވެއްޖެ

ލުބުނާނު ފަޅިން ދިން ހަމަލާތަކެއްގައި އިޒްރޭލްގެ އެކަކު މަރުވެފައިވާ ކަމަށާއި އެހަމަލާތައް ދިނީ ހިޒްބުالله އިން ކަމަށް އިޒްރޭލްގެ އޮފިޝަލުން ބުނެފިއެވެ. ލުބުނާނުގެ ހިޒްބުالله އާއި އިޒްރޭލް ސިފައިން އި...

15 Oct 2023 | 17:22

ލުބުނާނު ފަޅިން ދިން ހަމަލާތަކެއްގައި އިޒްރޭލްގެ އެކަކު މަރުވެފައިވާ ކަމަށާއި އެހަމަލާތައް ދިނީ ހިޒްބުالله އިން ކަމަށް އިޒްރޭލްގެ އޮފިޝަލުން ބުނެފިއެވެ.

ލުބުނާނުގެ ހިޒްބުالله އާއި އިޒްރޭލް ސިފައިން އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި އާދީއްތަ ދުވަހު ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، ޣައްޒާގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ ކެމްޕެއިންގެ ތެރެއިން އެ ސަރަހައްދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ.

އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާއަތުން ދިން މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވާއިރު، އެ ހަމަލާތަކުގައި އާންމު މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.

ލުބުނާނުގައި ހިޒްބުالله އާއި ގުޅިފައިވާ ފަލަސްތީނުގެ ފެކްޝަންތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވަރުގަދަވެފައި ވަނިކޮށް، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކަށް ރައްދު ދީފަ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހު ލުބްނާނުގައި ހިނގި ހަމަނުޖެހުންތަކުގައި 10 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޒްރޭލުގައި މަދުވެގެން ދެ މީހަކު ވަނީ މަރުވެފަ އެވެ.

އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް)ގެ ތަރުޖަމާނަކު ވިދާޅުވީ އައިޑީއެފްއިން ރައްދުދިނީ ހިޒްބުاللهގެ މަރުކަޒުތަކާއި ހަމަލާތައް ދިން ވަސީލަތްތައް ހަލާކުކޮށްލުމަށް ކައުންޓާ ފަޔަރ އެއް ފޮނުވައިގެން ކަމަށެވެ. އިޒްރޭލުގެ އިތުރު އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދިން ނަމަވެސް އެ ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އައިޑީއެފްގެ ތަރުޖަމާނަކު ކަށަވަރުކޮށްދިން ގޮތުގައި ޝްތޫލާގައި އެންޓި ޓޭންކް މިސައިލް ހަމަލާއެއް ދީ، އާންމު މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.

އައިޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ސިޗުއޭޝަނަލް އެސެސްމަންޓާއި ދާދި ފަހުން އިޒްރޭލުގެ އުތުރުގައި ހިނގި ބަޑީގެ ހާދިސާއާ އެއްގޮތްވާ ގޮތުގެ މަތިން ލުބްނާނުގެ އުތުރު ބޯޑަރާ ހަތަރު ކިލޯމީޓަރު (2.5 މޭލު) ދުރުގައި ވާ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ.

ހިޒްބުالله އިން ބުނެފައި ވަނީ "ޝްތޫލާ ސަރަހައްދުގައި ހުންނަ ޒަޔަނިސްޓް ދުޝްމަނުންގެ އަސްކަރީ މަރުކަޒަކަށް ގައިޑެޑް މިސައިލްތަކުން ހަމަލާ ދީފައިވާ" ކަމަށެވެ. އަދި އެ ޖަމާއަތުން ވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިއަކު މަރުވެފައިވާ ކަމަށް ބުނެ، އެއީ ދެކުނު ލުބްނާނުގައި އިސްރާއީލުން ހިންގި އަމަލުތަކުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

ހިޒްބުالله އިން ބުނީ އެޖަމާޢަތުން ދިން ހަމަލާތަކަކީ އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާންގެ އާންމުންގެ ދެ މީހަކު ޝަހީދުކޮށް، ނޫސްވެރިންނަށް ހަމަލާދީ ރޮއިޓާސްގެ ވީޑިއޯގްރާފަރެއް މަރާލައި، އޭއެފްޕީގެ ދެ މީހަކު ޒަހަމްކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ދެކުނުގެ އަވަށަކަށް ދިން ބޮމުގެ ހަމަލާއެއްގައި ލުބުނާނުގެ އާންމުންގެ ދެ މީހަކު މަރުވެފައިވާ ކަމަށް އެ ވިލެޖުގެ މޭޔަރު ވިދާޅުވި އެވެ.

މީގެ ކުރިން މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ ލުބުނާނުން އިސްރާއީލަށް ދިން ދެ ހަމަލާއެއްގެ ޒިންމާ އުފުލާފައެވެ. މިދިޔަ ހޯމަ ދުވަހު ހިޒްބުالله އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ހަނގުރާމަވެރިން ލުބުނާނުން އިސްރާއީލަށް އެތެރެވާން އުޅުމުން އިސްރާއީލުގެ ހަމަލާތަކުގައި އެ ޖަމާއަތުގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް