މެކްރޮއިކޮނޮމިކް ނުވަތަ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ތަފާތު ފިޔަވަޅުތައް ފާހަގަކޮށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ބަންގްލަދޭޝްގެ އިގްތިސާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް ފާހަގަކޮށްފަ އެވެ.
އައިއެމްއެފްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް (އޭޕީޑީ)ގެ ޑިރެކްޓަރު ކްރިޝްނާ ސްރީނިވާސަން ހުކުރު ދުވަހު ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދު ހާސިލްކުރުމާއި، އިންފްލޭޝަން ކޮންޓްރޯލް ކުރުމާއި، ދުނިޔޭގެ އުނދަގޫ މާހައުލަށް ބަލާއިރު މެކްރޮއިކޮނޮމިކް ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން އިގްތިސާދު އޮތީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.
އައިއެމްއެފްގެ ޑިރެކްޓަރު މިހެން ވިދާޅުވީ ވޯލްޑް ބޭންކް ގްރޫޕާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުންތަކުގެ ތެރެއިން "އިކޮނޮމިކް އައުޓްލުކް ފޯ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކްރިޝްނާ ޝްރިނިވާސަން ވިދާޅުވީ މެކްރޮއިކޮނޮމިކް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
"އިންފްލޭޝަން ދަށް ކުރުމަށް ޓަކައި މަނިޓަރީ ޕޮލިސީ ވަނީ ހަރުކަށި ކޮށްފައި. އެއަށްވުރެ ފްލެކްސިބަލް އެކްސްޗޭންޖް ރޭޓަކަށް އެމީހުން ވަނީ ފުރުސަތު ދީފައި،" އޭނާ ވިދާޅުވި އެވެ.
ތަރައްގީގެ މަގްސަދުތަކާއި އުމްރާނީ މަގްސަދުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އާމްދަނީ ހޯދުން އިތުރުކުރުމަށް ސްރީނިވާސަން ވަނީ އަލިއަޅުއްވާލައްވާފައެވެ.
އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން ބަންގްލަދޭޝް ހިމެނޭ ގޮތަށް މި ސަރަހައްދުގެ ކޮންމެ ގައުމަކަށް ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި ކުރިއެރުން އިތުރުކުރުމަށާއި އިޞްލާޙުތައް ގެނައުމަށް ޤައުމުތަކުން ކުރާ މަސައްކަތް ތައް ދެގުނަކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ އާމްދަނީގެ ރޭޝިއޯ ދަށް މިންވަރަކުން މަތިކުރުމުން، ދައުލަތުގެ ދަރަނި ހިފެހެއްޓުމުގެ އިތުރުން ތައުލީމާއި އުމްރާނީ ތަރައްގީ ފަދަ މުހިންމު ބޭނުންތަކަށް އިތުރު ޚަރަދުތަކެއް ކުރެވޭނެ ކަމަށް ކްރިޝްނާ ވިދާޅުވި އެވެ.
އެކަމަށްޓަކައި، މި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި ބޭރުގެ އަދި އެތެރޭގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ނޮންޓެރިފް ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، ކަނެކްޓިވިޓީ އިތުރުކޮށް، ވިޔަފާރީގެ މާހައުލު ތައް ރަނގަޅުކުރުމަށް ގެންނަންޖެހޭ އިޞްލާޙުތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް ކްރިޝްނާ ޝްރިނިވާސަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް