ނަފްސާނީ ދުޅަހެޔޮކަމަކީ، ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އަސާސް: ފަޒްނާ

ނަފްސާނީ ދުޅަހެޔޮކަމަކީ ސެކަންޑަރީ ކަންބޮޑުވުމެއްނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނ...

15 Oct 2023 | 10:54

ނަފްސާނީ ދުޅަހެޔޮކަމަކީ ސެކަންޑަރީ ކަންބޮޑުވުމެއްނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ކޮންފަރެންސް ފެށުމުގެގޮތުން، ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަން ޤަބޫލުކުރުމަކީ، ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، އަމިއްލަ ފަރުދުން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމަޢުއަށް ބާރުއެޅޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އަދި މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެކަމަނާ ވިދާޅުވީ "ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް" އަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ. “ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، އަޅުގަނޑުމެންގެ ޖަވާބުތައް ބައްޓަން ކުރެވިދާނެ” އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ކޮންފަރެންސްގައި، ރައީސްގެ އަނބިކަނބަލުން ވަނީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޤައުމީ މަރުކަޒު އުފެދިފައިވާކަމަށެވެ.

އަދި މިކަމުގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ޚިދުމަތްފުޅާވެ، ތެރަޕިއުޓިކް ޚިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް އާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތައް ފޯރުކޮށްދިނުމާއި، މާލެ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމުގައެވެ.

މީގެ އިތުރަށް، ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން މިހާރު ލިބެން ހުރި ތަފާސް ހިސާބުތަކަކީ ނިސްބަތުން މަދު އަދި ގިނަ ދުވަސްވެފައިވާ ތަފާސް ހިސާބުތަކެއްކަމުގައި ޤަބޫލުކުރައްވާކަން ފަޒްނާ ފާހަގަކުރައްވާފައެވެ. އަދި  ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޓަވެންޝަންތައް އެންމެ ބޭނުންވާނެ ޙާލަތާއި އެ ވަގުތުތައް ދެނެގަތުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ފަހުގެ ތަފާސް ހިސާބުތައް ބޭނުންވާކަން އެކަމަނާ ފާހަގަކުރައްވާފައެވެ.
ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ޤާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ބަލިން ރައްކާތެރިވެ، ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުކުރަންޖެހޭކަމުގައި ވިދާޅުވިއެވެ.

އަދި މުޖުތަމަޢުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮކަމަށް އެއްބާރުލުން ދިނުމަށް ބާރުއަޅުއްވަމުން އެކަމަނާ ވިދާޅުވީ، އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކުރުމަކީ ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށާއި، ޑުޕްލިކޭޓްވުމުން ދުރުހެލިވުމަށް ވަރަށް މުހިންމުކަމެއްކަމުގައެވެ.
ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުން ފަށާފައިވާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް" ގެ މަޤްޞަދަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް