ދަ ޑިމޮކްރެޓްސްގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ ދާއިމީ މަގާމުފުރާތައް ފުރާނެ މީހުން އިންތިހާބުކުރުމަށް ޕާޓީގެ އިންޓެރިމް ކައުންސިލުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، އެ ޕާޓީގެ މަގާމުފުރާތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، ކެނޑިޑޭޓް ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭގަނޑު 10:00 ކަމަށް އެ ޕާޓީގެ އިއުލާނުގައިވެއެވެ.
އަދި އެވަގުތާ ހަމައަށް ޕާޓީ ދަފްތަރުގައި ރެޖިސްޓްރީވާ ހުރިހާ ފަރާތްތަކަށް މަގާމު ފުރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ފޯމު ހުށަހެޅުމުގައި އެއްވެސް ހުރަހެއް ކުރިމަތިވެއްޖެނަމަ [email protected] އަށް އީމެއިލްއަކުން އެކަން ބަޔާންކޮށް އެންގުމަށް އެ ޕާޓީން އެދިފައިވެއެވެ.
"ފޯމު ފުރާފައި ފޮނުވާއިރު އެ ކެނޑިޑޭޓަކަށް ތާއީދުކުރާ އަދި އަތޮޅެއް، ސިޓީއެއް، ރަށެއް ނުވަތަ ދާއިރާއަކަށް ނިސްބަތްވާ، މަދުވެގެން 20 ޑިމޮކްރެޓެއްގެ ނަމާ މައުލޫމާތު ލިންކުގައިވާ ތާއީދުފޯމު މެދުވެރިކޮށް
ހުށަހަޅަންވާނެ. ސައްހަ ކެނޑިޑޭޓް ފޯމެއް ލިބިފައިވާކަމަށް ކަނޑައެޅޭނީ މަދުވެގެން 20 ޑިމޮކްރެޓުންގެ ތާއީދު ފޯމާއެކުގައި" އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ، ސައްހަ ފޯމު ހުށަހަޅާ ތަރުތީބުން ކެނޑިޑޭޓުން ތަރުތީބުކުރަމުން ކެނޑިޑޭޓް ނަމްބަރު ދެމުން ކެނޑިޑޭޓް ލިސްޓް އާއްމުކުރަމުން ގެންދެވޭނެ ކަމަށާއި، ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވެގެން އަލުން ފޯމު ހުށަހަޅާނަމަ، އަސްލު ފޯމުކަމަށް ބެލެވޭނީ އެންމެ ފަހުން ހުށަހެޅުނު ފޯމު ކަމަށެވެ.
އެ ޕާޓީގެ މަގާމުފުރާތަކުގެ އިންތިހާބުގެ ވޯޓް ލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ދެވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް