އދ.ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް ފަހުން ގެއްލިގެން ހޯދަމުން އަންނަ އދ. ދަނގެތި، ނޫލައިޓް ޔޫސުފް އިބްރާހިމް (ޔޫސުއްބެ) ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހުއްޓުމެއްނެތި ކުރަމުން ކަމުގައި އެމްއެންޑީއެފް އިން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފް އިން ބުނެފައިވަނީ އޭނާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ ހަކުރާ’ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންކަމަށެވެ. މީގެ އިތުރުން ޑޯނިއަރ އެއަރކްރާފްޓްވެސް ދަނީ މިއަދު ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
"މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރުއެވެ. މަޢުލޫމާތު ލިބުނު ގޮތުގައި 68 އަހަރުގެ އެ މީހާ އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ.އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އަދި މަހަށް ދިޔަ ދޯނި އދ.ރަންވެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ވަނީ ފެނިފައެވެ. މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ." އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ޔޫސުއްބެއާއި ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުން އެމްއެންޑީއެފްއިން އެދެއެވެ. އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރެއްވުން އެމްއެންޑީއެފްއިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް