ހާއްސަ ގާނޫނުތަކުން އުފެދިފައިވާ މުސްތަގިއްލު މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ބޮޑުކަމުގެ ޝަކުވާ އިންތިގާލީ މަރުހަލާގައި އެ މުއައްސަސާތަކުން ވަރަށްބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރާކަމުގައި އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
އޭނާ ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން މިހާތަނަށް ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކަށް ގިނަ ޒިޔާރަތްތަކެއް ކޮށްފައިވާކަމަށާއި ކަންބޮޑުވާންޖެހޭ ދެކަމެއް ފާހަގަކުރެވިފައިވާކަމަށެވެ.
އޭގެތެރެއިން އެއް ކަމަކީ މުސްތަގިއްލު މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ބޮޑުވުމާއި ބަޖެޓު ނުލިބުމާއި މުވައްޒަފުން ނުލިބުން ކަމަށާއި އަނެއް ކަންބޮޑުވުމަކީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މާލީ ހާލަތު ކަމަށެވެ.
އެގޮތުން ދައުލަތުގެ ބައެއް އެސްއޯއީތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާ ނުލިބުމުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި އިރު ބައެއް ކުންފުނިތަކުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މި އަހަރުގެގެ ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭގައިވެސް ގިނަ އަދަދެއްގެ ފައިސާ އިންޖެކްޓް ކުރަންޖެހޭކަން އެ ކުންފުނިތަކުން ފާހަގަކުރާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
އެއީ ކޮން ކުންފުނިތަކެއް ކަން އަދި އެއީ މުސްތަގިއްލު ކޮން މުއައްސަސާތަކެއްކަން ފިރުޒުލް ހާމައެއް ނުކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް