ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ. އެ އެވޯޑުތައް ދީފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބީއެ...

15 Oct 2022 | 14:47

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ.

އެ އެވޯޑުތައް ދީފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބީއެމްއެލް އަހަރީ އެވޯޑު ދިނުމުގެ ހަފްލާގަ އެވެ.

ރޭގެ ހަފްލާގެ އެންމެ ޝަރަފްވެރި "އެމްޕްލޯއީ އޮފް ދަ އިޔާ" އެވޯޑު ދެ މުވައްޒަފަކަށް ވަނީ ލިބިފަ އެވެ. އެއީ ބީއެމްއެލްގެ ނޯތު ކްލަސްޓަ މެނޭޖަރު ހަސަން އަގްލީމް އާއި ހެޑް އޮފް ޕީޕަލް ޑިވެލޮޕްމެންޓް މުހައްމަދު އަޝްރަފަށެވެ.

އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި މުވައްޒަފުންނަށް ސީއީއޯ ދެއްވާ އެވޯޑު، "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމެންޓް" ހާސިލްކުރީ ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަނެންސް ފާތިމަތު ފާރިހަތު ވަހީދު އާއި ސީނިއާ މެނޭޖަރު، ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު އަދި ބީއެމްއެލް މޯބައިލް އެޕް ޓީމުންނެވެ.

އެންމެ ރަނގަޅު ލީޑަރަށް ދޭ އެވޯޑު ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ހޯދާފައިވާއިރު، އެންމެ ރަނގަޅު މެނޭޖަރުގެ އެވޯޑު ހާސިލްކޮށްފައި ވަނީ ބީއެމްއެލްގެ ކޮމްޕްލައެންސް މެނޭޖަރު ޒައިދު މުހައްމަދެވެ.

ބީއެމްއެލްގައި ފާހަގަކޮށްލެވޭ ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަންކުރުމަށް އިތުރަށް އެވޯޑު ދިން ދާއިރާތަކުގެ ތެރޭގައި އަތޮޅުތެރެއިން އެންމެ ރަނގަޅު ބްރާންޗް، އެންމެ ރަނގަޅު ޓީމް، އަތޮޅުތެރެއިން އެންމެ ރަނގަޅު މުވައްޒަފު، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެ އެވެ.

ރޭގެ ހަފްލާގައި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ވަގުތީ މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީނާއި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

ބީއެމްއެލުން ބުނިގޮތުގައި ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބަޔެއް ކަމަށެވެ.

އެ ބޭންކުގެ ސިޔާސަތުތަކާއި، ވަޒީފާ ދިނުމާއި، މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފްވެރި އެވޯޑު "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑު" ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލްއަށް ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް