ވިޒް އެއާއިން އާދަޔާ ހިލާފު ދިގު ދަތުރެއް ރާއްޖެއަށް ކުރާތީ ބޭރު ނޫސްތަކުގައި ޖޯކު ޖަހައިފި

ހަންގޭރީގެ އެއާލައިނެއް ކަމަށްވާ ވިޒް އެއާއިން ޔުނައިޓެޑް އަރަބް އެމިރޭޓްް (ޔޫއޭއީ) އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުގެ ދިގު މިނަށް ބައިނަލްއަގުވާމީ ނޫސްތަކުގައި ޖޯކު ޖަހައިފި އެވެ. ވިޒް އެއާގެ ދަތުރުތ...

15 Oct 2022 | 12:32

ހަންގޭރީގެ އެއާލައިނެއް ކަމަށްވާ ވިޒް އެއާއިން ޔުނައިޓެޑް އަރަބް އެމިރޭޓްް (ޔޫއޭއީ) އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުގެ ދިގު މިނަށް ބައިނަލްއަގުވާމީ ނޫސްތަކުގައި ޖޯކު ޖަހައިފި އެވެ.

ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ އެއާލައިނުން ދަތުރު ކުރަނީ އަބޫދާބީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ) އާއި ދެމެދުގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވިޒް އެއާއިން މި ދޭތެރޭގައި ކުރަނީ 700 ކިލޯމީޓަރުގެ ދިގު ދަތުރެކެވެ. މިއީ އަބޫދާބީ އާއި ވީއައިއޭއާއި ހުންނަ ދުރުމިނަށް ބަލާއިރު ވަރަށް ދިގު ދަތުރެކެވެ. އަދި އެހެން އެއާލައިނުތަކުން މި ދޭތެރޭ ކުރާ ދަތުރުތަކަށްވުރެ 40 ޕަސެންޓު އިތުރު ވަގުތެވެ.

ވިޒް އެއާއިން ދަތުރު ކުރަނީ އިންޑިއާ އާއި ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުންނާއި ގަލްފް އޮމާން އާއި އޮމާންގެ މަތިންނެވެ. މިމަގުން ދަތުރު ކުރަން އަބޫދާބީން ވީއައިއޭއަށް ފަސް ގަޑިއިރާއި 20 މިނެޓު ހޭދަވާއިރު ވީއައިއޭއިން އަބޫދާބީއަށް ފަސް ގަޑިއިރާއި 50 މިނެޓު ހޭދަވެ އެވެ.

މިހާރު ރާއްޖެއަށް ޔޫއޭއީ އާއި ދެމެދު ދަތުރު ކުރާ އެއާލައިންތަކުގެ ތެރެއިން އިއްތިހާދު އެއާވޭސްއިން އަބޫދާބީން ވީއައޭއަށް ކުރާ ދަތުރަށް ހޭދަވަނީ ހަތަރު ގަޑިއިރާއި 15 މިނެޓެވެ. ވީއައިއޭއިން އަބޫދާބީއަށް ކުރާ ދަތުރަށް ހޭދަވަނީ ތިން ގަޑިއިރާއި 55 މިނެޓެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވިޒްގެ ދަތުރުތައް އެއާ ދިގުވަނީ އެ އެއާލައިންގެ ފްލައިޓުތަކުގައި އެކްސްޓެންޑެޑް ރޭންޖް ޓްވިން އިންޖީން އޮޕަރޭޝަންސް ޕާފޯމަންސް ސެޓްފިކެޓް ނޯންނާތީ އެވެ. އޭވިއޭޝަން ގާނޫނު ބުނާގޮތުން އެ ސެޓްފިކެޓް ނެތްނަމަ ގިނަ ވަގުތު ކަނޑުގެ ސަރަހައްދުން ފްލައިޓަށް ދަތުރެއް ނުކުރެވޭނެ އެވެ.

ވިޒް އެއާއިން މިހާރު ދަތުރު ކުރަމުންދާ ރޫޓުގައި ކަނޑުގެ ސަރަހައްދަށްވުރެ އެއްގަމު ސަރަހައްދު ބޮޑެވެ. މިކަން ފާހަގަ ކުރި ނޫސްތަކުގައި ބުނެފައިވަނީ މިވަގުތަކީ ގިނަ ޗޮއިސްތަކެއް ހުރި ރޫޓެއްގައި މީހުން ވިޒް އެއާ ހިޔާރު ކުރުމުގައި ވިސްނާނެ ކަމެއް ކަމަށެވެ.

އެކަމަކު ރާއްޖެއަށް އޮންނަ ޑިމާންޑަށް ބަލާއިރު ގެއްލުންވެސް ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މިމަހު އެ އާލައިނުން ރާއްޖެއަށް ކުރާނީ ހަފްތާއަކު ހަތަރު ދަތުރެވެ. އެއީ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

ޑިމާންޑަށް ބެލުމަށް ފަހު ދަތުރު ތަކުގެ އަދަދު އަންނަ މަހު އިތުރު ކުރާނެ ކަމަށް އެއާލައިނުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް