ޝާހިލްގެ ނަފްސާނީ މައްސަލަ ހުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

މިދިޔަ އޮގަސްޓު މަހު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު ސައީދު މަރާލުމުގެ ކުށުގައި ހައްޔަރުކޮށްފައި ހުރި އަލީ ޝާހިލްގެ ނަފްސާނީ މައްސަލަ ހުންނަ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ. ޝިއާއު...

15 Oct 2022 | 10:25

މިދިޔަ އޮގަސްޓު މަހު ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޝިއާއު ސައީދު މަރާލުމުގެ ކުށުގައި ހައްޔަރުކޮށްފައި ހުރި އަލީ ޝާހިލްގެ ނަފްސާނީ މައްސަލަ ހުންނަ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ޝިއާއު މަރާލީ އޮގަސްޓް ހަވަނަ ދުވަހުގެ ރޭ ހެންވޭރު ގެއެއްގެ އެޕާޓްމެންޓެއްގެ ތެރޭގައި އެވެ. މި މައްސަލައިގަ ޝާހިލް ހައްޔަރު ކުރި އެ ގޭތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ޝިއާއުގެ މަރާއި ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑެތް އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިގު ވިދާޅުވީ ޝާހިލް ހައްޔަރު ކުރުމާއި އެކު އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އަޑު ފެތުރު ނު ކަމަށެވެ. އެވާހަކަ ނުކެވުނު ނަމަވެސް މަރުގެ މައްސަލަ ތަކުގައި ހައްޔަރު ކުރެވޭ މީހުންގެ އެއްވެސް މައްސަލައެއް ހުރިތޯ ބަލަން ޓެސްޓު ކުރާ ކަމަށެވެ.

އެގޮތުން ޝާހިލް ހައްޔަރު ކުރުމަށް ފަހު ސައިކޮލޮޖިކަލް އެސެސްމަންޓް ނުވަތަ ނަފްސާނީ ހާލަތު ދެނެގަތުމަށް  ޓެސްޓު ކޮށްފައިވާ ކަމަށެވެ. ސާމިގު ވިދާޅުވީ އެ ޓެސްޓު ތަކުން ޝާހިލްގެ އެއްވެސް ނަފްސާނީ މައްސަލައެއް ހުރި ކަމަށް ދައްކާފައި ނުވާ ކަމަށެވެ.

ހާދިސާ ހިނގި ރޭ ޝާހިލް ހައްޔަރު ކުރި ނަމަވެސް މިހާތަނަށްވެސް އެ މައްސަލައިގަ އޭނާ ވާހަކަ ދައްކާފައިއެއް ނުވެ އެވެ. ފުލުހުން ބުނީ އެހެން ކަންކަމާއި ގުޅޭގޮތުން ކުރާ ސުވާލުތަކަށް ޝާހިލްގެ ފަރާތުން އެއްބާރުލުން ލިބުނަސް ޝިއާއުގެ މަރާ ގުޅިގެން ކުރާ ސުވާލު ތަކަށް ޖަވާބު ނުދޭ ކަމަށެވެ.

އެހެންވެ އޭނާ، ޝިއާއު މަރާލަން ޖެހުނު ސަބަބު އަދިވެސް ނުހޯދެ އެވެ. އެކަމަކު ފުލުހުން ބުނީ ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން45 މީހުންނާއި ސުވާލުކޮށްފައިވެ އެވެ. ފުލުހުން ބުނީ ޕޯސްޓްމޯޓަމް ނަތީޖާ ދައްކާ ގޮތުން ޝިއާއު މަރުވީ ދިން އަނިޔާތަކުގެ ސަބަބުން ކަމަށާއި މަރުވި ފަހުންވެސް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް