ސަރުކާރުން ހުޅުވާލާފައިވާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިރޭ ހަމަވާނެ އެވެ.
މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން26 ވަނަ ދުވަހު އެވެ. މިދިޔަ މަހުގެ26 އާއި ހަމައަށް މުއްދަތު ހަމަވާ ގޮތަށް އޮތުމަށް ފަހު މިއަދުގެ ނިޔަލަށް މުއްދަތު އިތުރު ކުރީ ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މިއީ މިސަރުކާރުގެ ފުރަތަމަ ބޯހިޔާވަހި ކަމުގެ މަޝްރޫއު އެވެ. މި ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ގޯއްޗާއި މާލޭ މީހުން ހިމެނޭހެން މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުންނަށް ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓަށް އެދެވެ އެވެ.
ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިރޭ11:59 ގައި އެވެ. ސުންގަޑި މިރޭ ހަމަވާއިރު ހައުސިން މިނިސްޓްރީން ވަނީ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައި އެވެ.
އެގޮތުން ޖޮއިންޓް އެޕްލިކޭޝަން (އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން)ގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވްނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ވަރަށް ގިނައިން މިހާރު ފާހަގަކުރެވޭ ކަމަށެވެ.
އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓް ވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ މީހުން، އެ މީހެއްގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލް އަށް ވަދެ، އެ ފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާ މެދު އެ މީހެއްގެ ރުހުން ދިނުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެފަދަ ފަރާތްތަކުން ޖެހޭނީ ގެދޮރުވެރިން ޕޯޓަލްއަށް ވަދެ “‘ބައިވެރިވާ ފަރާތްތަކުގެ އިގުރާރު’ގައިވާ ‘އާއެކޭ’ ނުވަތަ ‘ނޫނެކޭ’ގެ ތެރެއިން ބޭނުންވާ ގޮތެއް ހިޔާރުކާށެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުން ފޯމު ފުރަން ފެށުމަށް ފަހު ނުނިންމާ ހުރުމުގެ މައްސަލަތައްވެސް ފާހަގަކޮށްފައިވެ އެވެ. އެ ފަރާތްތަކަށް ހައުސިންގް މިނިސްޓްރީން މިދިޔަ ހަފްތާއިން ފެށީގެން ދަނީ އެސްއެމްއެސް މެދުވެރިކޮށް ފޯމު ފުރިހަމަކޮށް ސަބްމިޓް ކުރުމަށް އަންގަމުންނެވެ،
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓު ދޫކުރާނެ އެވެ. ސަރުކާރުން ބުނީ ބިން ލިބޭ ފަރާތްތަކަށް އަންނަ އަހަރު ކުރީކޮޅު އަދި ފްލެޓު ލިބޭ ފަރާތްތަކަށް އަންނަ އަހަރުގެ މެދުތެރޭގައި ލިޔުން ހަވާލު ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް